އެޗްޑީސީން ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ގޮތުން، މީގެ ކުރިން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ހުރި ޖޫރިމަނާތައް ވެސް ވަނީ މާފުކޮށްދީފައެވެ. އަދި މިހާރު ރައީސް ނިންމަވާފައި ވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިއަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ މާފުކޮށްދިނުމަށެވެ. އެ ކޯޕަރޭޝަނުން ބުނީ ކުލި ނުދައްކާ ފަރާތްތަކާއި ގަވާއިދުން ފައިސާ ދައްކާ ފަރާތްތަކުގެ ތަފުސީލުތައް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި މީޑިއާތަކަށް ހާމަކުރާނެ ކަމަށެވެ.
މީގެއިތުރުން ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ދޫކޮށްފައިވާ ލޯނުތަކަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ރައީސް ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ވެސް އެދިވަޑައިގެންފައެވެ. އެގޮތުން ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ނަގާފައިވާ ލޯނުގެ އިންޓްރެސްޓް ރޭޓް 12 ޕަސަންޓުން 10 ޕަސަންޓަށް ކުޑަކުރުމަށާއި، ވިނަރެސް ފްލެޓްތަކުގެ ލޯނުތަކުގެ އިންޓްރެސްޓް 9 ޕަސަންޓުން 8 ޕަސަންޓަށް ކުޑަކޮށްދިނުމަށް ބީއެމްއެލްއާ އެކު މަޝްވަރާކުރައްވާފައިވާކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.