ނިމިދިޔަ ޖުލައި މަހުގެ ތެރޭގައި ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް 2،475 ޓަނުގެ މަސް ކިރުވައިފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު ނިސްބަތުން ވަރަށް ބޮޑު ކުރިއެރުމެކެވެ. މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުލައި މަހު ކިރުވި މަހުގެ ތެރޭގައި ހިމެނެނީ 2،400 ޓަނުގެ ކަޅުބިލަމަހެވެ. މީގެ އިތުރުން 10 ކިލޯއަށްވުރެ ބަރުދަން ބޮޑު ކަންނެލީގެ 12 ޓަނާއި، 15 ކިލޯއަށްވުރެ ބަރުދަން ބޮޑު ކަންނެލީގެ 63 ޓަނު ވަނީ ކިރުވައިފައެވެ.
މިދިޔަ ޖޫން މަހު މިފްކޯއަށް ކިރުވައިފައިވަނީ އެކުޖުމްލަ 568 ޓަނުގެ މަހެވެ. އެއީ 484 ޓަނުގެ ކަޅުބިލަމަހާއި، 10 ކިލޯއަށްވުރެ ބަރު ކަންނެލީގެ 17 ޓަނުގެ އިތުރުން 15 ކިލޯއަށްވުރެ ބަރު ކަންނެލީގެ 67 ޓަނެވެ. އެހެންކަމުން ޖުލައި މަހު ކިރުވި މަހުގެ އަދަދު ވަނީ ޖޫން މަހަށްވުރެ ހަތަރު ގުނަ އިތުރުވެފައެވެ.
މަސް ކިރުވި މިންވަރު އިތުރުވުމާ ގުޅިގެން މަސްވެރިންނަށް ލިބުނު އާމްދަނީވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ޖުލައި މަހު ކިރުވި މަހަށް މަސްވެރިންނަށް 49.8 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. މީގެ ތެރޭގައި ކަޅުބިލަމަހަށް ދޫކުރި 48 މިލިއަން ރުފިޔާއާއި، 10 ކިލޯއަށްވުރެ ބަރު ކަންނެލިއަށް ދޫކުރި 234،100 ރުފިޔާގެ އިތުރުން 15 ކިލޯއަށްވުރެ ބަރު ކަންނެލިއަށް ދޫކުރި 1.57 މިލިއަން ރުފިޔާ ހިމެނެއެވެ.
ޖޫން މަހު ދޫކޮށްފައިވަނީ 11.3 މިލިއަން ރުފިޔާއެވެ. މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން މަސް ކިރުވައިފައިވަނީ އޭޕްރިލް މަހުއެވެ. އެ މަހު 4،414 ޓަނުގެ މަސް ކިރުވައި، 78.8 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވެއެވެ. އަދި މިއަހަރުގެ ތެރޭގައި މަސްވެރިކަން އެންމެ ދަށްވި މަހަކީ ޖޫން މަހެވެ.
މިފްކޯއިން ބުނި ގޮތުގައި ޖޫން މަހު މަސްވެރިކަން އާދަޔާ ހިލާފަށް ދަށްވި މައިގަނޑު ސަބަބަކީ ހުޅަނގު މޫސުމުގެ ބާރުގަދަވެ އެންވެރިކަން ދަށްވުމެވެ. އަދި އާންމުކޮށްވެސް ޖޫން މަހާއި އޯގަސްޓު މަހަކީ ރާއްޖޭގެ މަސްވެރިކަން ދަށް ދުވަސްވަރެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.