ރާއްޖޭގައި މުއާމަލާތްކުރުމުގެ ހިދުމަތް ދެމުން އަންނަ އޫރީދޫގެ 21 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް ހަދިޔާއެއްގެ ގޮތުގައި 21 ޖީބީގެ ހިލޭ ޑޭޓާ ދިނުމަށް ނިންމައިފިއެވެ. 2005 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިދުމަތް ދެމުން އަންނަ އޫރީދޫގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރަނީ 2026 އޯގަސްޓު 1 ގައެވެ.
އަހަރީ ދުވަހުގެ ހާއްސަ ހަދިޔާއެއްގެ ގޮތުން އޯގަސްޓު 1 ވަނަ ދުވަހު ހުރިހާ ކަސްޓަމަރުންނަށް 21 ޖީބީގެ ހިލޭ ޑޭޓާ ޕެކެއް އޫރީދޫ ސުޕަރ އެޕް މެދުވެރިކޮށް ލިބޭނެއެވެ. މީގެ އިތުރުން، ސުޕަރނެޓް ކަސްޓަމަރުންނަށް 21 ރުފިޔާއަށް 21 ޖީބީ ލިބޭ އެޑް-އޮންއަކާއި، ޕޯސްޓްޕެއިޑް އަދި ސުޕަރނެޓް ޕްލޭންތައް އަޕްގްރޭޑްކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއްވެސް ވަނީ ހަމަޖައްސާފައެވެ.
އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ ޕްރޮމޯޝަންތަކުގެ ތެރެއިން، 400 ރުފިޔާއަށްވުރެ މަތިން ރީޗާޖްކުރާ ޕްރީޕެއިޑް ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތްތަކަށް މޯލްޑިވިއަންއިން ސްޕޮންސަރުކުރާ ޑާކާ ދެކޮޅު ޓިކެޓު ލިބޭނެއެވެ. އޯގަސްޓު މަހުގެ ތެރޭގައި ކޮންމެ 10 ދުވަހަކުން މި ޕްރޮމޯޝަންގެ ނަސީބުވެރިއަކު ހޮވާއިރު، އޫރީދޫ ސުޕަރ އެޕް މެދުވެރިކޮށް މާސްޓަރކާޑުން ވިޔަފާރިކުރާ ފަރާތްތަކަށް މެލޭޝިޔާ ދެކޮޅު ޓިކެޓު ލިބޭ ފުރުސަތެއްވެސް ވަނީ ހުޅުވާލާފައެވެ.
އޫރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝާދީ ގަވާސްމީ ބުނީ، ރާއްޖޭގައި 21 އަހަރު ފުރުން ފާހަގަކުރާއިރު، ފާހަގަކުރަނީ ކަސްޓަމަރުން އެ ކުންފުންޏަށް ކުރި އިތުބާރާއި އެކުގައި ކުރެވުނު ކާމިޔާބު ދަތުރު ކަމަށެވެ. އަދި އޫރީދޫގެ އަމާޒަކީ އީޖާދީ ވަސީލަތްތަކާއެކު ފުރިހަމަ، ރައްކާތެރި އަދި އެންމެން ބައިވެރިކުރާ ޑިޖިޓަލް ރާއްޖެއެއް ބިނާކުރުން ކަމަށްވެސް އޭނާ ބުންޏެވެ.
ކަސްޓަމަރުންގެ ރައްކާތެރިކަމަށް އިސްކަންދީގެން އޫރީދޫއިން ވަނީ “ޓްރޫކޯލާ ޕްރީމިއަމް” ހިދުމަތް އޫރީދޫ ބިލަށް ޗާޖުކުރެވޭ ގޮތަށް ތައާރަފުކޮށްފައެވެ. އަދި އާއިލާތަކަށް ރައްކާތެރި އިންޓަނެޓް މާހައުލެއް ފޯރުކޮށްދިނުމަށް “ޗައިލްޑްސޭފް” ގެ ނަމުގައި 5ޖީ އެއާފައިބާ ޕޭރެންޓަލް ކޮންޓްރޯލް ހިދުމަތެއްވެސް ވަނީ ތައާރަފުކޮށްފައެވެ. މި ހިދުމަތް 2026 އޯގަސްޓު މަހުގެ ނިޔަލަށް މުޅިން ހިލޭ ލިބޭނެއެވެ.
މި ހަރަކާތްތަކުގެ ތެރެއިން އޫރީދޫއިން ވަނީ ކުރިއަށް އޮތް ‘އޫރީދޫ ފަން ރަން’ 2026 ޑިސެމްބަރު 11 ގައި ހުޅުމާލޭގައި ބޭއްވުމަށް ނިންމާފައިވާކަން އިއުލާނުކޮށްފައެވެ. އަދި “ލިވް އަންލިމިޓެޑް” ކެމްޕޭނުގެ ބޮޑު އިނާމު ކަމަށްވާ ހައްޖު ދަތުރުގެ ނަސީބުވެރިއަކަށް މިސްރިއްޔާ އަލީ ހޮވުނުކަންވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.