English Edition
Dhivehi Edition

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، އެ އިދާރާގެ އައު ވިޔަފާރި ކުންފުންޏެއްގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ރާވާފައިވާ ރޭވުމާ ގުޅިގެން، ޔޫރަޕްގެ ގައުމުތަކުން ވޯލްޑް ކަޕް ބޮއިކޮޓް ކުރުމާ މެދު މަޝްވަރާ ކުރަމުންދާކަން “ސްކައި ނިއުސް” އިން ވަނީ ހާމަކޮށްފައެވެ.

ފީފާގެ އަމާޒަކީ 20 ބިލިއަން ޑޮލަރުގެ އަގުހުރި “ފީފާ ފޯވާޑް އެންޓަޕްރައިޒް” ގެ ނަމުގައި ކުންފުންޏެއް އުފައްދައި، އޭގެ 20 އިންސައްތައަށް ވުރެ ބޮޑު ބައެއް ބޭރުގެ އިންވެސްޓަރުންނަށް ވިއްކާލައިގެން 4.2 ބިލިއަން ޑޮލަރު ހޯދުމެވެ. މިކަމާ ގުޅިގެން ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އަށް ނިސްބަތްވާ ގައުމުތަކުން މި ހަފުތާގައި ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޔުއެފާއިން ބުނި ގޮތުގައި ފުޓްބޯޅައިގެ ރޫހާއި އޭގެ ހިންގުމަކީ ވިޔަފާރި މުދަލެއްގެ ގޮތުގައި ވިއްކާލެވޭނެ އެއްޗެއް ނޫނެވެ. އަދި މި މުއާމަލާތަކީ އެއްވެސް ދެފުށް ފެންނަ ގޮތެއް ނެތް، ފުޓްބޯޅައިގެ މުސްތަގުބަލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ވެސް އެ އިދާރާއިން ސިފަކުރެއެވެ.

“ފުޓްބޯޅައަކީ ފީފާގެ މިލްކެއް ނޫން، އެހެންކަމުން އެއީ ވިއްކާލެވޭނެ އެއްޗެއް ނޫން،”

ޔުއެފާގެ ބަޔާނުގައިވެއެވެ.

މި ރޭވުންތަކުގެ ފަހަތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅުންހުރި ފަރާތްތަކެއް ހިމެނޭ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. މިގޮތުން، މި މަޝްރޫއުގެ މައިގަނޑު އިންވެސްޓަރަކަށް ހުށަހަޅާފައިވާ “ތްރައިވް އިޓާނަލް” ކުންފުނީގެ ސީ.އީ.އޯ އަކީ ޓްރަމްޕްގެ ދަނބިދަރި ޖެރެޑް ކުޝްނާގެ ކޮއްކޮ ޖޯޝް ކުޝްނާއެވެ.

މި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އިންފަންޓީނޯ ވިދާޅުވީ، މިކަމުގެ ސަބަބުން ފުޓްބޯޅަ އެސޯސިއޭޝަންތަކަށް ލިބޭ ފައިސާ އިތުރުވެ، ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމަށް މަގުފަހިވާނެ ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ މުޅި ދުނިޔޭގައި ފުޓްބޯޅަ ޑިމޮކްރަޓައިޒް ކުރުމަށް އެޅޭ ފިޔަވަޅެކެވެ.

ނަމަވެސް، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކޭރް ސްޓާމާ އާއި މެންޗެސްޓާގެ މޭޔަރު އެންޑީ ބާންހަމް ފަދަ ބޭފުޅުން ވަނީ މިކަމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. ބާންހަމް ވިދާޅުވީ ވޯލްޑް ކަޕަކީ ވިއްކާލެވޭނެ އުފެއްދުމެއް ނޫން ކަމަށެވެ.

ފީފާގެ މި ނިންމުމާ ދެކޮޅަށް ޔޫރަޕްގެ ގައުމުތަކުން ވޯލްޑް ކަޕް ބޮއިކޮޓް ކުރާނެ ކަމުގެ އިންޒާރު ދެމުންދާއިރު، މީގެ ކުރިން 2021 ވަނަ އަހަރު ވެސް ކޮންމެ ދެ އަހަރަކުން އެއްފަހަރު ވޯލްޑް ކަޕް ބޭއްވުމަށް އިންފަންޓީނޯ ކުރި މަސައްކަތް ހުއްޓާލަން ޖެހުނީ ޔޫރަޕްގެ ގައުމުތަކުގެ ދެކޮޅު ހަދަން ފެށުމުންކަން ފާހަގަކޮށްލެވެއެވެ.