English Edition
Dhivehi Edition

ގަންބުރި މުންގި މެމޯރިއަލް ފުޓްސަލް ޗެލެންޖު 2026 ގައި ކުޅެވުނު ފޯރިގަދަ މެޗުގައި 3-0 ގެ ނަތީޖާއަކުން ޗޮކޯ އެފްސީ ބަލިކޮށް ކޮއިން އެފްސީން މުހިންމު މޮޅެއް ހޯދައިފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ކޮއިން އެފްސީންނެވެ. ފުރަތަމަ ހާފު ނިމުނީ 1-0 އިން ކޮއިން އެފްސީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ކޮއިން އެފްސީން ވަނީ ކުޅުން އިތުރަށް ވަރުގަދަކޮށް، ޗޮކޮ އެފްސީގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން، މި ހާފުގައި ކޮއިން އެފްސީން ވަނީ އިތުރު ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ. މި މެޗުގެ ކޮއިން އެފްސީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޒައިން (ކަޅޭ)ގެ އިތުރުން ޑިއު އާއި އަލްހާންއެވެ، ކުޅުން ނިމުނުއިރު ޗޮކޮ އެފްސީއަށް ކޮއިން އެފްސީގެ ގޯލު ހުޅުވާލެވޭ ގޮތެއް ނުވިއެވެ.

މި މޮޅާއެކު ކޮއިން އެފްސީން ވަނީ މުބާރާތުގައި ރަނގަޅު ފެށުމެއް ހޯދައި، ތިން ޕޮއިންޓް ކަށަވަރުކޮށްފައިވާއިރު މި މެޗުގައި ޗޮކޮ އެފްސީގެ ޝިމާއުއަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ.

ރޭ ކުޅެވުނު ފޯރިގަދަ ދެވަނަ މެޗުގައި އެފްސީ ވަހޫ އާއި ޔޫތު އެފްސީ ބައްދަލުކުރި މެޗު 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ އެފްސީ ވަހޫއެވެ. މެޗުގެ ފުރަތަމަ ހާފުގައި އެފްސީ ވަހޫ އިން ވަނީ މޮޅު ކުޅުމެއް ދައްކައި، އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާކޮށް 3 ލަނޑު ޖަހާފައެވެ. ފުރަތަމަ ހާފު ނިމުނީ 3-0 އިން އެފްސީ ވަހޫ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން އެފްސީ ވަހޫ އިން ވަނީ ކުޅުން ވަރުގަދަކޮށް އިތުރު 3 ލަނޑު ޖަހައި މެޗުގެ ނަތީޖާ 6-0 އަށް ބަދަލުކޮށްފައެވެ. ނަމަވެސް، މެޗުގެ ދެވަނަ ހާފުގެ ފަހުކޮޅު ޔޫތު އެފްސީ އިން ވަނީ ހިތްވަރުކޮށް ލަނޑެއް ޖަހާފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިިއިރު އެފްވީ ވަހޫ އިން މެޗު ކާމިޔާބުކުރީ 6-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްސީ ވަހޫއަށް 3 ލަނޑު ކާމިޔާބުކޮށްދިން ފަރާއެވެ.