English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ގާނޫނު ހެދުމުގެ ދާއިރާގައި ޒުވާނުންނާއި އަންހެނުންގެ ހިއްސާ މިހާރަށްވުރެ އިތުރުކުރުމަށްޓަކައި، ގާނޫނީ އިމުގެ ތެރެއިން ކުރަންޖެހޭ މުހިންމު މަސައްކަތްތައް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާނެ ކަމަށް ފާހަގަކުރެއްވިއެވެ. އަދި ގައުމީ މުހިންމު ނިންމުންތައް ނިންމުމުގައާއި ގާނޫނު ހެދުމުގެ މަރުހަލާގައި ޒުވާނުންނާއި އަންހެނުންގެ ދައުރު ފުޅާކުރުމަކީ ގައުމުގެ ތަރައްގީއަށް އިންތިހާއަށް ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ގައުމުގެ ކަންކަން ނިންމުމުގައި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުންގެ ލަފާ ހޯއްދެވުމަށްޓަކައި މަޝްވަރާ މަޖިލީހަކާއި، އިލްމީ ތަޖުރިބާކާރުން ހިމެނޭ ގައުމީ މަޖިލީހެއް ދާދިއަވަހަށް އެކުލަވާލައްވާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ އާންމު އިޖުތިމާއީ އަދި އިގްތިސާދީ މިނިވަންކަން ކަށަވަރުކުރުމަށް ސަރުކާރުން ރާއްވަވާފައިވާ މުހިންމު ތަސައްވުރުތައް އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.