އައްޑޫ ސިޓީ ކައުންސިލުން ސ. ފޭދޫ ޓޫރިޒަމް ސަރަހައްދުގައި އޮންނަ ސަވާހެލި ތަރައްގީކުރުމަށްޓަކައި ބީލަމަށް ހުޅުވާލާފައި ވަނިކޮށް، އެ ރަށް އައްޑޫ ސިޓީގެ އިހުތިސޯސުން ވަކިކުރުމަކީ ގަސްތުގައި އައްޑޫގެ ތަރައްގީއަށް ހުރަސްއެޅުމުގެ ގޮތުން ސަރުކާރުން ކުރި ކަމެއް ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
މޭޔަރު ނިޒާރު އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ، ސަވާހެލި ރިކްރިއޭޝަން ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް މި މަހުގެ 19 ވަނަ ދުވަހު އިއުލާންކުރުމާ ގުޅިގެން ގިނަ ބަޔަކު ބިޑް ޑޮކިއުމެންޓްތައް ވެސް ގަނެފައިވާ ކަމަށެވެ. މިއީ 2021 ވަނަ އަހަރުން ފެށިގެން ކައުންސިލުން ރާވަމުން އައި މަސައްކަތެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ކައުންސިލުން ނެރުނު އިއުލާން ބާތިލްކުރުމަށްފަހު އެ ރަށުގައި ޓޫރިޒަމް މަސައްކަތް ކުރުމުގެ ހުއްދަ ދިނުމަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ސިޓީއަކުން އެދިވަޑައިގެންނެވި ނަމަވެސް، މިއަދާ ހަމައަށް ޖަވާބެއް ލިބިފައި ނުވާކަން ފާހަގަކުރައްވަމުން ނިޒާރު ވިދާޅުވީ މި ނިންމުމުގެ ފަހަތުގައި އައްޑުއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ތިއްބެވި ކަމުގެ މައުލޫމާތު ސަރުކާރުގެ މިނިސްޓްރީން ލިބިފައިވާ ކަމަށެވެ.
ސަރުކާރަށް ތިން އަހަރުވާން ދާއިރު އައްޑޫގެ ތަރައްގީއަށް ކުރެވުނު ކަމެއް ނެތް ކަމަށާއި، ހާއްސަކޮށް އައްޑޫގެ ލިންކް ރޯޑް މަރާމާތު ކުރުމުގެ މަސައްކަތް ދޮޅު އަހަރު ކުރިން ބަޔަކާ ހަވާލުކުރި ނަމަވެސް، މިހާތަނަށް ކުރެވުނުހާ ވެސް ކަމަކީ ވިނަ ނޮޅައި ރުއްތައް ބަދަލުކުރުން ކަމަށް ނިޒާރު ވިދާޅުވިއެވެ.
ޓޫރިޒަމްގެ ބޭނުމަށް އައްޑޫ ސިޓީގެ އިހްތިސާސުން ސަވާހެލި ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ލާމަރުކަޒީ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. މީގެ އިތުރުން، އައްޑޫގެ ހަންކެޑެ ފަތުރުވެރިކަމަށް ތަރައްގީ ކުރުމަށްޓަކައި “އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް”ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ވަނީ އުފައްދަވާފައެވެ.