އައްޑޫ މީދޫގައި މިނިވަން ދުވަހާއި ގުޅިގެން ބާއްވާ މިނިވަން އުފާ އައްޑޫ މީދޫ 2026ގެ ތެރޭގައި ހިމެނޭ “މީދުވަން” މިއަދު ހަވީރު ފެށުމަށް ތައްޔާރުވަމުން އަންނައިރު މި އިވެންޓެއް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް މިނިވަން އުފާ އިންތިޒާމު ކޮމިޓީން ބުނެފިއެވެ.
މިހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މީދޫ ބަނދަރުން ހަވީރު 4:00 އިންނެވެ. “މީދުވަން” އިންތިޒާމް ކޮމިޓީ އިން ބުނީ، މި ދުވުމުގެ ވޯމްއަޕް 4:15 އިން ފޭނެ ކަމަށާއި ކިކްއޮފް އޮންނާނީ 4:30 ގައި ކަމަށެވެ. މި ދުވުން އޮންނާނީ މީދޫ ބަނދަރުން ފެށިގެން ހުޅުދޫ އަދި މީދޫގެ ބޮޑުމަގުތަކުގައެވެ. މި ދުވުމަކީ 4.2 ކިލޯމީޓަރުގެ ދުވުމެއް ކަމަށް އިންތިޒާމް ކޮމިޓީ އިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން އިންތިޒާމު ކޮމިޓީން ބުނީ މި ދުވުމުގައި ފަށާ ހިސާބުން ނިންމާ ހިސާބަށް ދުވެފައި ނުދެވޭ ފަރާތްތަކަށް ހިނގާފައިވެސް ދުވުން ފުރިހަމަކުރެވޭނެ ކަމަށެވެ. މި ދުވުމުގައި އައްޑޫގެ ހުރިހާ ރަށްތަކުން ބައިވެރިވެފައިވާކަން ފާހަނގަކޮށް މި ހަރަކާތުގެ އިންތިޒާމް ކޮމިޓީންނާއި އަދި އައްޑޫ މީދޫ ކައުންސިލް އިން ވަނީ ޝުކުރު އަދާކޮށްފައެވެ.

މީދޫ ކައުންސިލް އިން ބުނީ އުންމީދަކީ ވީހާވެސް ގިނަ ބަޔަކު މި ހަރަކާތްތަކުގައި ބައިވެރިވެ، މިނިވަންކަމުގެ އުފަލުގައި ބައިވެރިވުން ކަމަށެވެ. އަދި މިފަދަ ބޮޑު ހަރަކާތެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބިގެންކަން ކައުންސިލުން ފާހަނގަ ކުރެއެވެ.