ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރުމަށް ފަށަން ތައްޔާރުވާ “ރައްޔިތުންގެ އަޑު” ސިލްސިލާގެ ތެރެއިން، އިތުރު ހަތަރު ދާއިރާއަކަށް ނަން ނޯޓުކުރުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި، ރާއްޖޭގެ އިންތިހާބީ 93 ދާއިރާގެ ތެރެއިން މިފަހަރު ހުޅުވާލާފައިވަނީ މާފަންނު ދެކުނު ދާއިރާ، ރ. އުނގޫފާރު ދާއިރާ، ހއ. ކެލާ ދާއިރާ، އަދި ފުވައްމުލަކު ދެކުނު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ.
މި ދާއިރާތަކަށް ނިސްބަތްވާ މީހުންގެ ތެރެއިން “ރައްޔިތުންގެ އަޑު” ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، ރައީސް އޮފީހުގެ ވެބްސައިޓުގައި އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ނަން ނޯޓުކުރެވޭނެއެވެ. ނަން ނޯޓުކުރުމުގެ އެންމެ ފަހު ތާރީހަކީ ކުރިއަށް އޮތް ހޯމަ ދުވަހުގެ މެންދުރު 12:00 އެވެ.
މި ސިލްސިލާ ބައްދަލުވުންތަކަކީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ހިޔާލުތައް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށް، މަޝްވަރާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ބައްދަލުވުންތަކެކެވެ.