English Edition
Dhivehi Edition
ސްރީ ލަންކާގެ މަގުތަކުގައި ސިފައިން ހަރަކާތްތެރިވަނީ - ފޮޓޯ: ނިއުސް ފަސްޓް

ސްރީލަންކާގެ ކަޓުނަޔަކަ (ބަންޑާރަނައިކަ) އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް އެ ގައުމަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ ދިވެހި ފިރިހެނުން ސްރީލަންކާގެ ޕޮލިސް ނާކޮޓިކް ބިއުރޯ (ޕީއެންބީ) އިން ހައްޔަރުކޮށްފިއެވެ.

ޕީއެންބީން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނަކާއި 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ދެ މީހުންގެ އަތުން ގާތްގަނޑަކަށް 10 މިލިއަން ސްރީލަންކާ ރުޕީސްގެ އަގުހުރި ‘އައިސް’ (މެތަމްފެޓަމިން) ވަނީ އަތުލައިގަނެފައެވެ.

މާލެއިން ފުރައިގެން ކަޓުނަޔަކަ އެއާޕޯޓަށް ދިޔަ 40 އަހަރުގެ މީހާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު، އޭނާގެ ޖިންސީ ގުނަވަން ހިމެނޭ ސަރަހައްދުގައި ފޮރުވައިގެން ގެންދިޔަ 602 ގްރާމްގެ އައިސް ވަނީ ފެނިފައެވެ. މި ތަކެތި ހުރީ ދެ ޕެކެޓަކަށް ބަހާލައި ސެލޯޓޭޕް އަޅައި، ޖަނގިޔާގެ ތެރޭގައި ފޮރުވާފައެވެ.

އެއާޕޯޓުން ހައްޔަރުކުރި މީހާ ދިން މައުލޫމާތަށް ބިނާކޮށް، ކޮލަމްބޯގެ ހޮޓަލަކުން ވަނީ މައި ޑިސްޓްރިބިއުޓަރު ކަމަށް ތުހުމަތުކުރެވޭ 28 އަހަރުގެ ދިވެހި މީހާ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރި އިރު 10 ގްރާމް އަދި 670 މިލިގްރާމްގެ އައިސް އޭނާގެ އަތުން ފެނިފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދެ ދިވެހިން ނިގަމްބޯ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި 14 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.