ގާނޫނާ ހިލާފަށް އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ކުށާއި އަދަބުތައް ކަނޑައަޅައި، އެކަމާ ގުޅޭ ހާއްސަ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފިއެވެ.
މި ބިލަކީ މޭ 14، 2026 ގައި ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފުރަތަމަ ފާސްކުރުމުން، އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން މޭ 31 ގައި ރައީސް އަނބުރާ ފޮނުއްވާލެއްވި ބިލެކެވެ. އެއަށްފަހު، މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން އިތުރު އިސްލާހުތަކެއް ގެނެސް، ޖުލައި 14 ގައި ބޭއްވި ޖަލްސާއިން ވަނީ އަލުން ފާސްކޮށްފައެވެ.
މި ގާނޫނުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތް ރައްކާތެރިކަމާއި ފެންވަރު ރަނގަޅުކޮށް ފޯރުކޮށްދިނުމުގެ އުސޫލުތައް ކަނޑައެޅުމެވެ. އަދި ގުނަވަން ހަދިޔާކުރާ ފަރާތްތަކާއި ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައް ކަނޑައެޅުމާއެކު، ގާނޫނާ ހިލާފަށް ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ އަމަލުތައް ހުއްޓުވުމަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައަޅާފައެވެ.
މި ގާނޫނުގެ ދަށުން ސިޔާސަތުތައް ކަނޑައަޅަން “އޯގަން ޓްރާންސްޕްލާންޓް ކައުންސިލް” އުފައްދާއިރު، ރާއްޖޭގައި ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހުއްދަ ދޫކުރާނީ “އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ” އިންނެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން 180 ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.