English Edition
Dhivehi Edition
ރައީސް މުއިއްޒު އައްޑޫއާ ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރެއްވުމަށް ބާއްވާ “ރައްޔިތުންގެ އަޑު” ސިލްސިލާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު އިތުރު ހަތަރު ދާއިރާއަކަށް ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދެއްވާގޮތުގައި މިފަހަރު ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ:

  • މާފަންނު ދެކުނު ދާއިރާ
  • ރ. އުނގޫފާރު ދާއިރާ
  • ހއ. ކެލާ ދާއިރާ
  • ފުވައްމުލަކު ދެކުނު ދާއިރާ

މި ދާއިރާތަކަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން ރައީސާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކުން ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ހާއްސަ ޕޯޓަލް މެދުވެރިކޮށް ނަން ނޯޓުކުރެވޭނެއެވެ. ނަން ނޯޓުކުރުމުގެ އެންމެ ފަހު ވަގުތަކީ އަންނަ ހޯމަ ދުވަހުގެ ރޭގަނޑު 12:00 އެވެ.

މި ސިލްސިލާ ބައްދަލުވުންތަކަކީ ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް އަޑުއެއްސެވުމުގެ މަޤްޞަދުގައި ރައީސް މުއިއްޒު ކުރިއަށްގެންދަވާ ހަރަކާތެކެވެ.

އިތުރު ދާއިރާތަކަށް ފުރުސަތު ހުޅުވާލިއިރު، އެންމެ ފުރަތަމަ މި ފުރުސަތު ދީފައިވަނީ ހުޅުމާލޭ އުތުރު ދާއިރާ، ސ. ހުޅުދޫ ދާއިރާ، ހއ. ހޯރަފުށި ދާއިރާ އަދި ހުޅުމާލޭ މެދު ދާއިރާގެ ރައްޔިތުންނަށެވެ.