English Edition
Dhivehi Edition

ބަރުދަން ލުއިކޮށްދޭ ކަމަށްބުނެ ސައްޙަނޫން މަޢުލޫމާތު ހިމަނައިގެން އިޝްތިހާރުކުރާ ކާބޯތަކެތި ބޭނުންނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެމްއެފްޑީއޭއިން ފާހަގަކުރި ގޮތުގައި، ހަށިގަނޑަށް ވަކި ބަދަލެއް ގެނެސްދޭނެ ކަމަށް ނުވަތަ އެކި ބަލިތަކަށް ފަރުވާއެއްގެ ގޮތުގައި ކާބޯތަކެތީގެ އުފެއްދުންތައް މާކެޓުކޮށް، އެކި މަންސަތަކުގައި ދައުރުކުރުން ވަނީ އިތުރުވެފައެވެ. ސައިންޓިފިކް ދިރާސާއެއްގެ މައްޗަށް ބިނާނުކޮށް ސާބިތުނުހިފޭ މަޢުލޫމާތު ފެތުރުމަކީ އާންމުންނަށް އޮޅުންއަރައި، ސިއްޙަތަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަކަށްވާއިރު މިކަމުގެ ނުރައްކާ ހާއްސަކޮށް ދާއިމީ ބަލިތަކަށް ބޭސްފަރުވާކުރާ މީހުން، މާބަނޑު މީހުން އަދި ގާތުންކިރުދޭ މައިންނަށް ބޮޑެވެ.

އެމްއެފްޑީއޭގެ ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ގަވާއިދުގައިވާ ގޮތުން ވަކި ބައްޔަކަށް ފަރުވާލިބޭނެ ކަމަށް ނުވަތަ ޚާއްޞަ ސިއްޙީ ފައިދާއެއް ކުރާނެ ކަމަށް ދޭހަވާގޮތަށް ކާބޯތަކެތި އިޝްތިހާރުކުރުމަކީ މަނާކަމެކެވެ. އަދި ކާބޯތަކެތީގެ ވަކި ހާއްސަ ސިފައެއްވާ ކަމަށް ބުނެ ހަގީގަތާ ހިލާފަށް ނުވަތަ އޮޅުންއަރާ ގޮތަށް އިޝްތިހާރުކުރުން ވަނީ މަނާކުރެވިފައެވެ. އެހެންކަމުން، ކާބޯތަކެތި އިޝްތިހާރުކުރުމުގައި ކަނޑައެޅިފައިވާ ގަވާއިދުތަކަށް ހުރިހާ ފަރާތްތަކުންވެސް ތަބާވުމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.

މީގެ އިތުރުން ސާބިތުނުހިފޭ މައުލޫމާތު ހިމެނޭ ކާބޯތަކެތި ބޭނުންކުރުމުގެ ބަދަލުގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މިންހެޔޮކޮށް ކެއުމާއި، ކެއުމުގައި ލޮނާއި ހަކުރު މަދުކުރުމާއި، އާދަވެ ކަސްރަތުކުރުމަށްވެސް އެމްއެފްޑީއޭއިން އިލްތިމާސްކުރެއްވިއެވެ.