English Edition
Dhivehi Edition
މަރަދޫފޭދޫ

އައްޑޫ ސިޓީ ފޭދޫގައި ތަރައްގީކުރަމުން އަންނަ އިސްރަށްވެހިންގެ މަރުކަޒު “ހިޔާވަހި” ގެ އަމަލީ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީން ވަނީ ހާމަކޮށްފައެވެ.

މިއަހަރުގެ ކުރީކޮޅު އަމަލީ މަސައްކަތް ފެށި މި މަޝްރޫއަކީ އިސްރަށްވެހިންނަށް ބޭނުންވާ ފުރިހަމަ އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ޑައިރެކްޓަރ އޮފް ސޯޝަލް ޕޮލިސީ، ޛިފްލާ ރައޫފް ވިދާޅުވީ، މި މަރުކަޒަކީ އިސްރަށްވެހިންނަށް ބޭނުންވާ ސިއްހީ ފަރުވާއާއި ދުޅަހެޔޮކަމުގެ ހިދުމަތްތައް އެއްފުރާޅެއްގެ ދަށުން ލިބިގެންދާނެ ތަނެއް ކަމަށެވެ.

މި މަރުކަޒުގައި ގާއިމުކުރެވޭ ބައިތަކުގެ ތެރޭގައި: މެޑިކަލް ވޯޑުތަކާއި ކޮންސަލްޓޭޝަން ރޫމްތައް, ފިޒިއޮތެރަޕީ ރޫމްތައް, ލައިބްރަރީގެ އިތުރުން އިޖުތިމާއީ ހަރަކާތްތައް ހިންގުމަށް ހާއްސަ މަލްޓި-ޕާޕަސް ހޯލެއް ހިމެނެއެވެ. މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި ށ. ފުނަދޫގައި މިފަދަ އިސްރަށްވެހިންގެ މަރުކަޒެއް ބިނާކުރުމުގެ ތައްޔާރީތައް ވަމުން އަންނައިރު ކ. ތުލުސްދޫގައި ގާއިމްކުރާ މަރުކަޒުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރުމަށް ނިންމާ މި މަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވޭނެއެވެ.

މި މަޝްރޫއުތަކަކީ ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު އިތުރަށް ވަރުގަދަކޮށް، ދުވަސްވީ މީހުންގެ އާބާދީއަށް ބޭނުންވާ ހާއްސަ ފަރުވާއާއި، ރިހެބިލިޓޭޝަން އަދި ނަފްސާނީ އެހީތެރިކަން ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސްޓްރެޓެޖީގެ މުހިންމު ބައެކެވެ.