މަސްވެރިންނަށް ތެޔޮ ލިބުމުގައި ދަތިތަކެއް އުޅޭކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވީ ނަމަވެސް، އެ ބުރަ މަސްވެރިންނަށް ނުޖައްސާ ސަރުކާރުން ތެލުގެ ކަންކަން ވީއެންމެ ރަނގަޅަކަށް މެނޭޖްކުރަމުންދާ ކަމަށެވެ. އަދި މިފަދަ އުނދަގޫ ހާލަތެއްގައި ވެސް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ މަސްވެރިންނަށް ކަނޑުމަތީގައި ހަރަކާތްތެރިވެވޭނެކަން ކަށަވަރުކުރުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިނިސްޓަރު ޝިޔާމް ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ހާލަތު ރަނގަޅުވަމުންދާކަން ހާމަކުރައްވާފައެވެ. އެގޮތުން ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށްފަހު، މިހާރު މުޅި ރާއްޖެއަށް ވެސް އެންވެރިކަން ރަނގަޅުވެ މަސްވެރިކަން ކުރިއަރަމުން އަންނަ ކަމަށާއި، މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް މަސް ގަންނަ ބޯޓުތައް ފޮނުވުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.
ސަރުކާރުގެ މި މަސައްކަތްތަކަކީ މަސްވެރިން ވެސް ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.