English Edition
Dhivehi Edition
ސްޓޭޓްފާމާ

ރާއްޖެއަށް ބޭނުންވާ ބޭސް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތުގެ ދަށުން، ކޮންމެހެން ބޭނުންވާ 1200 އެއްހާ ބޭސް ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފިއެވެ.

އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވީ، ބޭސް ގެނައުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވަނީ “އެސެންޝަލް ބޭސް” ގެ ލިސްޓުގައި ހިމެނޭ ބޭސްތައް މެދުކެނޑުމެއްނެތި ލިބޭނެގޮތް ހެދުމަށާއި، ޑޮކްޓަރުން އާންމުކޮށް ލިޔެދޭ ބޭސްތައް ދެނެގަނެ އެ ބޭސްތައް ރާއްޖެއަށް ގެނައުމަށް ކަމަށެވެ.

މީގެ އިތުރުން، ދުނިޔެއަށް ވެސް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ސިއްހީ މައްސަލަ ކަމަށްވާ އެންޓިބަޔޮޓިކަށް ނުގުޑުމުގެ މައްސަލަ (އެންޓިބަޔޮޓިކްސް ރެސިސްޓަންސް) އަށް ރާއްޖެއިން ހައްލެއް ހޯދުމަށް، އެންޓިބަޔޮޓިކްގެ ހުރިހާ ރޭންޖެއް ގެނައުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ޑރ. ޝާހު ފާހަގަކުރެއްވި ގޮތުގައި، ފުރަތަމަ ދޭ އެންޓިބަޔޮޓިކަށް ނުގުޑާ ހާލަތްތަކުގައި ދެވަނަ ލައިންގެ އެންޓިބަޔޮޓިކެއް ސްޓޮކްގައި ހުރުމުން ބަލިމީހުންނަށް އަވަސް ޝިފާއެއް ލިބި، ރާއްޖޭގައި މި މައްސަލަ މަދުކުރެވޭނެއެވެ. މިއީ ސިއްހީ ދާއިރާގެ ހުރިހާ ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދާ މުހިންމު ޓެކްނިކަލް މަސައްކަތެކެވެ.

ބޭސް ލިބުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން، ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނާ މަޝްވަރާކޮށްގެން، އެ ރަށެއްގެ އާބާދީއަށް އެންމެ އާންމުކޮށް ބޭނުންވާ ބޭސްތައް ދެނެގަތުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. މީގެ ސަބަބުން ބޭސް އިސްރާފުވުން ކުޑަކުރެވި، ބޭނުންވާ ބޭސް އެ ރަށަކުން ފަސޭހައިން ލިބެން ހުންނާނެކަން ކަށަވަރުކުރެވޭނެއެވެ. ސްޓޭޓް ފާމާގެ އަމާޒަކީ ޑޮކްޓަރުން ލިޔެދޭ ކޮންމެ ބޭހެއް ހޮސްޕިޓަލްތަކުގެ ފާމަސީތަކުން ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް ވެސް ޑރ. ޝާހު ވަނީ ވިދާޅުވެފައެވެ.