English Edition
Dhivehi Edition
ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލުން ނަގަންޖެހޭ ހުއްދަ ނުނަގައި، ގަވާއިދާ ޚިލާފަށް ދުވާރުމަތީގައި މަސައްކަތް ކުރަމުންދިޔަ ބަޔަކު މާލޭ ސިޓީ ކައުންސިލުން ހުއްޓުވައި ޖޫރިމަނާކޮށްފިއެވެ.

މާލެ ސިޓީގެ މަގުތަކާއި، ޕޭމަންޓުތަކާއި، ބަނދަރުތަކުގެ އިތުރުން އާންމު ތަންތަނުގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން މި މައްސަލައިގައި ޖޫރިމަނާކޮށްފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުރި ހ. މާދޫ ނަމަކަށް ކިޔާ ގެއެކެވެ.

ސިޓީ ކައުންސިލުން ފޮނުވާފައިވާ ޖޫރިމަނާގެ ޗިޓުގައިވާ ގޮތުން، އެ ފަރާތް ޖޫރިމަނާކުރި މައިގަނޑު ސަބަބަކީ ދުވާރުމަތީގައި މަސައްކަތް ކުރިއިރު ކައުންސިލުން ދޫކުރާ “ހުއްދަ ބޯޑު” ބަހައްޓާފައި ނުވުމެވެ. ނަމަވެސް، މި މައްސަލައިގައި ޖޫރިމަނާކޮށްފައިވަނީ ޖުމްލަ ކޮން އަދަދަކުން ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ހުއްދަ ނުނަގައި މަގުމަތީގައި މަސައްކަތް ކުރުމާއި ސަލާމަތީ ފިޔަވަޅުތައް ނާޅައި މަސައްކަތްކުރާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމުގެ މަސައްކަތް ގަވާއިދުން ކުރަމުންދާނެ ކަމަށެވެ.

ދާދި ފަހުންވެސް ހަދަމުންދިޔަ އިމާރާތެއްގެ މަތިން މީހަކު ވެއްޓި ޒަޚަމްވި މައްސަލައެއްގައި އިހުމާލުވި ފަރާތްތައް ވަނީ 5،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.