އައްޑޫ ސިޓީގައި ތަކުރާރުކޮށް ވައްކަންކުރާ ކަމުގެ ތުހުމަތު ކުރެވޭ މީހަކު، އޭނާގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން މުހިންމު ނިންމުމެއް ނިންމައި އަމުރުކޮށްފިއެވެ. ކޯޓުން މިގޮތަށް އަމުރުކުރީ މި މަހުގެ 11 ވަނަ ދުވަހު އައްޑޫ ސިޓީ މަރަދޫ ގެއަކުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި ސ. މަރަދޫ، އާލް، އަހުމަދު ހާރިޝް (32 އަހަރު) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ.
މި މައްސަލައިގެ ތަހުގީގަށް ހާރިޝް ހައްޔަރުކޮށް، ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލައިގެ އިތުރުންވެސް އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ވައްކަމުގެ އެހެން މައްސަލައެއް ގަން ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އައްޑޫ ސިޓީގައި ފަހަކަށް އައިސް ވައްކަމުގެ މައްސަލަތައް އިތުރުވަމުންދާތީ، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުށުގެވެށީގައި އުޅޭ މީހުން ހޯދައި، މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިފަދަ ތަކުރާރުކޮށް ކުށްކުރާ މީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން ނިންމާ ނިންމުންތަކަކީ ވައްކަމުގެ މައްސަލަތައް މަދުކުރުމަށް ލިބޭ ވަރަށް ބޮޑު އެހީއެއް ކަމަށް ފުލުހުންގެ އޮފީހުން ބުންޏެވެ.