English Edition
Dhivehi Edition

މަސްތުވާތަކެތި ބޭނުންކުރުމަށާއި އެ ތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރަމުންދާ މައްސަލައާ ގުޅިގެން ސ. މަރަދޫފޭދޫ, އުއްމީދު 90 ދުވަހަށް ބަންދުކުރުމަށް ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް އެ ގެއަށް ވަދެ ތިއްބައި، މަސްތުވާތަކެއްޗާއެކު 2 މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ.މަރަދޫފޭދޫ, އުއްމީދީވިލާ، އަހްމަދު ޝަރަތު (32އ) އާއި ސ.މަރަދޫފޭދޫ, ފަރިވިލާ، އާއިޝަތު ސަލީމް (37އ) އެވެ.

މި ޖުލައި މަހުގެ 13 ވަނަ ދުވަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަނަރަ ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ސ.މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުންނެރުނު އަމުރާ ގުޅިގެން ސ.މަރަދޫފޭދޫ / އުއްމީދު ބަންދުކޮށްފައިވަނީ ޖޫން 15 ވަނަ ދުވަހުއެވެ.

ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެކެވެ. މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.