ދިވެހިރާއްޖޭގައި ސައިބާ ކުށްތައް ނުވަތަ އިންޓަނެޓާއި ޓެކްނޮލޮޖީގެ ޒަރީއާއިން ކުރާ ކުށްތައް ރިޕޯޓުކުރާ މިންވަރު، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 105 އިންސައްތައަށްވުރެ އިތުރުވެފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހުށަހެޅިފައިވަނީ ސައިބާ ކްރައިމްގެ 512 މައްސަލައެވެ. ނަމަވެސް، 2026 ވަނަ އަހަރުގެ މި މުއްދަތުގައި އެ އަދަދު ވަނީ 1,053 އަށް އުފުލިފައެވެ. މިއަހަރު 884 މައްސަލައެއްގެ ތަހުގީގު ކުރިއަށްދާއިރު، އެކި ފިޔަވަޅުތައް އެޅުމަށްފަހު 457 މައްސަލައެއް ވަނީ ނިންމައި ފައިލްކޮށްފައެވެ. މީގެ ތެރޭގައި މި މުއްދަތުގެ ކުރިން ހުށަހެޅުނު މައްސަލަތައްވެސް ހިމެނެއެވެ.
ސައިބާ ކުށްތަކުގެ ނިސްބަތް މިހާ ބޮޑަށް އުފުލުމުގެ މައިގަނޑު ސަބަބަކީ އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް ކަންބޮޑުވާ ދަރަޖައަކަށް އިތުރުވުން ކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މި ތަފާސްހިސާބުތަކުން ދައްކައިދެނީ ކުށްކުރާ ފަރާތްތަކުން އާންމުންގެ އަތުން ފައިސާ ފޭރުމަށްޓަކައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާ މިންވަރު ފުޅާވެފައިވާ ކަން ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.
ވަކިވަކި ކުށްތަކަށް ބަލާއިރު އޮންލައިން ޝޮޕިންގް ސްކޭމްގެ ކުށްތައް ވަނީ 86 އިން 464 އަށް އިތުރުވެފައެވެ. މިއީ 439 އިންސައްތައިގެ އިތުރުވުމެކެވެ. މިއީ މުޅި ސައިބާ ކްރައިމްގެ ބާވަތްތަކަށް ބަލާއިރު މިއަހަރު އެންމެ ގިނައިން ރިޕޯޓުކުރެވުނު، އަދި އެންމެ ބޮޑަށް އިތުރުވި ބާވަތެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކޭމްތައް 15 އިން 109 އަށް އިތުރުވެފައިވެއެވެ. މިއީ 626 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ބޭރު ފައިސާ ބަދަލުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް 56 އިން 103 އަށް އިތުރުވެ، 83 އިންސައްތަ ވަނީ އިތުރުވެފައެވެ.
މަކަރާއި ހީލަތުގެ މައްސަލަތައް އިތުރުވި ނަމަވެސް، މީގެ ކުރީ އަހަރުތަކުގައި އާންމުކޮށް ފެންނަ، މީހުންގެ ޒާތީ މައުލޫމާތާއި އަބުރާ ގުޅުންހުރި ބައެއް ކުށްތައް މަދުވެފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އޮރިޔާން ކާޑު ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ މައްސަލަތައް ވަނީ 16 އިން 4 އަށް މަދުވެފައެވެ. މިއީ 75 އިންސައްތައިގެ ދަށްވުމެކެވެ. އަދި އަމިއްލަ ފަރާތްތަކުގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކުރުމުގެ މައްސަލަތައް 37 އިން 26 އަށް (29 އިންސައްތަ) ދަށަށް ގޮސްފައިވާއިރު، ކްރެޑިޓް އަދި ޑެބިޓް ކާޑު ފްރޯޑްގެ މައްސަލަތައް ވެސް ވަނީ 65 އިން 63 އަށް ދަށަށް ގޮސްފައެވެ.
ފުލުހުން ބުނީ ސައިބާ ކުށްތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ގެއްލޭ މުދާ އަނބުރާ ހޯދައިދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރަމުން އަންނަކަމަށެވެ. އެގޮތުން، މި މުއްދަތުގެ ތެރޭގައި 182 މައްސަލައެއްގައި އާންމު ރައްޔިތުންނަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީފަވާކަން ފާހަގަކޮށް ފުލުހުން ބުނީ ހެކްކޮށްފައިވާ ވައިބަރ، ވަޓްސްއެޕް އަދި ފޭސްބުކް ފަދަ 120 އެކައުންޓެއް އަނބުރާ ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
ކުށްތަކުން ރައްކާތެރިވުމަށް އާންމުން ހޭލުންތެރިކުރުމަކީ މިފަދަ ކުށްތައް ހުއްޓުވުމަށް އޮތް އެންމެ މުހިންމު ފިޔަވަޅުކަމަށްވާއިރު، މިއަހަރުގެ މިހާތަނަށް ފުލުހުން ހިންގި އެކިއެކި އާންމު ހޭލުންތެރިކަމުގެ ސެޝަންތަކުގައި ޖުމުލަ 3،143 ފަރާތަކަށް މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެ ތެރޭގައި ހިމެނެނީ 1,972 ދަރިވަރުނާއި 743 ބެލެނިވެރިނާއި އޮފީސްތަކުގެ 428 މުވައްޒަފުނެވެ.
ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން ހިންގާ މަކަރާއި ހީލަތުގެ އަމަލުތައް ދުވަހުން ދުވަހަށް އަންނަނީ އާ އުކުޅުތަކާއެކު ތަރައްގީވަމުން އަންނަކަން ފާހަގަކޮށް ފުލުހުން ބުނީ މިފަދަ ކުށްތައް ހުއްޓުވައި، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށްޓަކައި ފުލުހުންގެ ހިދުމަތުން ގާބިލުކަން އިތުރުކުރުމަށް، މެދުކެނޑުމެއްނެތި މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ
އެގޮތުން އޮންލައިންކޮށް ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި، މުއާމަލާތުކުރެވޭ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، އަމިއްލަ ޒާތީ މައުލޫމާތާއި ބޭންކިންގ ތަފުސީލުތައް އެހެން ފަރާތްތަކާ ހިއްސާނުކުރަން ފުލުހުން ވަނީ އެދިފައެވެ.