އައިޝާ އާއި ނާއިލްގެ ކައިވެނި ކުރެވުނީ މާ ބޮޑު ހަފްލާއަކާ އެކުގައެއް ނޫނެވެ. ނާއިލްގެ ހާލަތު އެނގުމުން އައިޝާގެ އައިލާއިން މި ކައިވެންޏާ ދެކޮޅު ހެދިނަމަވެސް އެންމެ ފަހުން އޭނާގެ އުފަލަށްޓަކައި ހަތިޔާރު ބެހެއްޓީ ހިތާ ދެކޮޅަށެވެ. އާއިލާ އާއި އޮފިހުގެ ގާތް އެކުވެރިން ބައިވެރިވި ހަފްލާގައި ނާއިލް އާއި އައިޝާގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. ދުރުގައި މި މަންޒަރު ބަލަން ނާއިލްގެ މަންމަ ހުއްޓިލައިގެން އިން އިރު އޭނާގެ ދަރިފުޅުގެ އަނދރި ދިރިއުޅުމަށް އަލިކަން ލިބުމުން އެތައް ފަހަރަކު ﷲ ޝުކުރު އަދާކޮށް އެ ދަރިފުޅަށް ހެޔޮ ދުޢާ ކުރިއެވެ.
ދިރިއުޅުމުގެ އާ ސަފުހާއެއް ފެށުނުއިރު، އައިޝާ ހީކުރީ އޭނާގެ ކެތްތެރިކަމާއި ސާފު ލޯބީގެ ސަބަބުން ނާއިލްގެ ހަޔާތުން އެ އަނދިރިކަން މުޅިން ފިލައިގެން ހިނގައްޖެ ކަމަށެވެ. ކައިވެނީގެ ފުރަތަމަ މަސް ދުވަސް ފާއިތުވެދިޔައީ ހުވަފެނީ ދުނިޔެއެއްގައެވެ. ނާއިލްގެ މޫނުމަތިން ފެންނަމުންދިޔަ ހިނިތުންވުންތަކުން އައިޝާގެ ހިތަށް ބަޔާންކުރަންދަތި އުފާވެރިކަމެއް ލިބުނެވެ. ނާއިލް މަޑުމަޑުން ރަނގަޅުވަމުން އަންނަކަމުގައި އައިޝާއަށް ހީކުރެވުނެވެ. ނަމަވެސް، އެ އުފާވެރިކަމަކީ ކޮޅިގަނޑެއްގެ ކުރިން އަންނަ ހަމަހިމޭންކަމެއްކަން އައިޝާއަށް ރޭކާލީ ކައިވެންޏަށް ތިންމަސް ވީތަނާއެވެ.
އެއްވެސް އިންޒާރަކާ ނުލައި، ނާއިލް އަނެއްކާވެސް އެކަނިވެރިކަމުގެ ފުން ވަޅުގަނޑަކަށް ވެއްޓުނެވެ. މިފަހަރު އެ ބަލިމަޑުކަން އެނބުރި އައީ ކުރިއަށްވުރެ މާ ވަރުގަދަކޮށް، މާ ނުރައްކާތެރިކޮށެވެ. އޮފީހުން ކެނޑި، މުޅި ދުވަހު ކޮޓަރީގެ ކުޑަދޮރުތައް ބަންދުކޮށްގެން އަނދިރީގައި އޮތުން ނާއިލްގެ އާދަޔަކަށް ވިއެވެ. އައިޝާ ލޯތްބާއެކު ތައްޔާރުކުރާ ކާބޯތަކެތީގައި އަތްވެސް ނުލައެވެ. އައިޝާއާއި ވާހަކަދައްކަން ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް އައިޝާ އުއްމީދު ކަޑައެއް ނުލައެވެ. ނާއިލަށް ބޭނުންވާ ލޯތްބާއި އަޅާލުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެވޭތޯ މަސައްކަތްކުރިއެވެ. އެހެންނަމަވެސް އެ ލޯތްބާ އަޅާލުންވެސް މި ފަހަރު ނާއިލްއަށްވީ ވަރަށް ބޮޑު ވޭނަކަށެވެ. އައިޝާ ދެކެ ރުޅި އަންނަން ފެށީ އޭނާގެ އެއްވެސް އިހްތިޔާރެއް ނެތިއެވެ.
“ނާއިލް. އަހަންނަށް ފެންނަނީ ޑޮކްޓަރަށް ދައްކަން. މިހާރު ފެންވަރަނީ އެއް ނޫން، ކަނީއެއް ނޫން. ތިހެން އުޅެން ހަދައިގެން މިހާގެ ދުވަސް ދާނީ.” އައިޝާ ރޮމުން ނާއިލްގެ އަތުގައި ހިފާލިއެވެ. ނާއިލް ފަރުވާކުޑަގޮތަކަށް އަތް ފޮޅުވާލިއެވެ. “އައިޝާ! މަށަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނޯންނާނެ. އަހަރެން މިއީ މަރުވެފައިވާ މީހެއް. އަހަރެން މީ ބޭކާރު މީހެއް. އެންމެ ފަހުން އަހަރެންގެ ބައްޕައަށްވީ ގޮތަށް އަހަންނަށްވެސް ވާނީ” ނާއިލްގެ ދެލޮލުން ކުރިން ފެނުނު އޯގާތެރިކަމެއް ނެތެވެ. އެ ދެލޮލުގައި ވަނީ ހުސްކަމާއި ފޫހިކަމެވެ. ދުނިޔެދެކެ އޭނާ ފޫހިވެފައިވާ ކަހަލައެވެ. މާޒީގެ ހިތި ތަޖުރިބާތައް ވަނީ އޭނާ ވަށާލާފައެވެ. އެ ކަށިކުބުރު ޖަންގަލީގެ އޮޅުންބޮޅުންތަކާއެކު އޭނާ ނޭވާ ހާސްވެ މަރުވެދާނެހެން ނާއިލް އަށް ހީވަމުން ދިޔަ ކަހަލައެވެ. އައިޝާ އާދޭސްކޮށް ވަރުބަލިވިއިރުވެސް ނާއިލް ޑޮކްޓަރަށް ދައްކަން އެއްބަހެއް ނުވިއެވެ. އަދި އެކަންތައް އެއްވެސް އިތުރު މީހަކަށް އެނގިއްޖެނަމަ އަމިއްލަ ފުރާނަ ދުއްވާލާނެކަމަށް ބުނެ އައިޝާއަށް ބިރު ދައްކަން ފެށިއެވެ. އެންމެ ފަހުން އެ ބިރު ދެއްކުންތައް ކުދިކުދި އަނިޔާއަށް ބަދަލުވެގެން ދިޔައީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ.
ދުވަސްތައް ހަފުތާތަކަށް، އަދި މަސްތަކަށް ބަދަލުވަމުންދިޔައެވެ. އައިޝާގެ މުޅި ދިރިއުޅުން ހުސްވީ ނާއިލްގެ ނަފްސާނީ ބަލީގެ ހަނގުރާމައިގެ ތެރެއަށެވެ. އޭނާ ކުރާ ކޮންމެ ސާދާ ސުވާލަކަށް ނާއިލް ރައްދު ދެނީ ހަޅޭކާއި ރުޅިވެރިކަމުންނެވެ. އައިޝާގެ ހިތްވަރާއި ކެތްތެރިކަން މަޑުމަޑުން ގަބޫލުކުރަން ދަތި މިންވަރަށް ބަލިކަށިވާން ފެށިއެވެ. ކޮންމެ ރެއަކު ބާލީހުގައި ބޯއަޅައިގެން އައިޝާ ރޮމުން ދިޔައީ މުޅި ދުނިޔެއަށްވެސް ސިއްރުންނެވެ. އަމިއްލަ މަޖުބޫރީ ހާލަތާއެކު ވެއްޓެމުން ދިޔަ ވަޅުގަނޑުން ސަލާމަތްނުވާ ހިސާބަށް ދިޔައިރުވެސް އައިޝާއަށް ހަދާނެ ގޮތެއް ނުވިސްނުނެވެ.
ނަފްސާނީ ބަލިމަޑުކަމުގެ ކަޅު ވިލާގަނޑު، އެމީހުންގެ ދެމެދުގައިވާ ލޯބި މަޑުމަޑުން ކާލައިފިއެވެ. ކުރިން ނާއިލްގެ ކޮންމެ ހިތާމައެއްގައި ބައިވެރިވި އައިޝާ، މިހާރު ނާއިލްގެ ކައިރިއަށް ދާންވެސް ބިރުގަންނަން ފެށިއެވެ. ލޯބީގެ ބަދަލުގައި އެ ގުޅުމުގެ ތެރެއަށް ވަނީ ފޫހިކަމާއި، ވަރުބަލިކަމާއި، ބީރައްޓެހިކަމެވެ. ޑިޕްރެޝަނަކީ ހަމައެކަނި ނާއިލްގެ ބައްޔެއްގެ ގޮތުގައި ނޯވެ، އެމީހުންގެ ކައިވެނި ކޮށާ ކުދިކުރަމުންދިޔަ ހަތިޔާރަކަށް ވިއެވެ.
އެއްދުވަހެއްގެ ހަވީރު، އައިޝާ ކޮޓަރިއަށް ވަންއިރު ނާއިލް އިނީ އެނދުގެ ކޮޅުގައި އިސްޖަހާލައިގެންނެވެ. މުޅި ކޮޓަރީގައި ވަނީ މަރުފަދަ ހިމޭންކަމެކެވެ.”ނާއިލް.” އައިޝާ މަޑުމަޑުން ގޮވާލިއެވެ. އޭނާގެ އަޑުގައި ކުރިން ހުންނަ އުންމީދުގެ ރާގެއް މިއަދަކު ނެތެވެ. ނާއިލް އިސްއުފުލާ ބަލާލިއެވެ. އެ ދެލޮލުން ކަރުނަ ފައިބަމުންދިޔައެވެ. “އައިޝާ.އަހަރެން ބުނީމެއްނު އަހަރެންގެ ދުނިޔެއަށް ނާންނާށޭ. އައިޝާގެ ހުރިހާ އުފަލެއް، އެ ލޯބި ހިނިތުންވުން، އަހަރެންގެ މި ބަލިމަޑުކަން ދިރުވާލައިފި.” އައިޝާގެ ދެލޮލުން ކަރުނަ ހިލިގަތެވެ. އެކަމަކު މިފަހަރު އެއީ ހަމްދަރުދީގެ ކަރުނައެއް ނޫނެވެ. އެއީ ހަގީގަތް ގަބޫލުކުރެވުމުގެ ކަރުނައެވެ. ލޯބިން އެކަނި ނަފްސާނީ ބަލިމަޑުކަމެއް ބަލި ނުކުރެވޭނެކަމާއި، އެ ބަލީގެ ތެރޭގައި އެމީހުންގެ މެދުގައިވި ސާފު ލޯބި މަރުވެ، ކަފުންވެއްޖެކަން އޭނާއަށް ޔަގީންވިއެވެ. އުންމީދުގެ އަލިކަމެއް ހޯދަން އުޅެނިކޮށް، ދެމީހުންވެސް ތިބީ އެ އަނދިރިކަމުގެ ތެރެއަށް މުޅިން ގެނބިފައިކަން އައިޝާއަށް ޔަގީންކުރެވުނެވެ.
“އަހަރެން ބޭނުން ރަނގަޅުވާން. އަހަރެން ބޭނުން ފަރުވާ ހޯދަން. އަހަންނަށް އެހީވެދީ. އަހަރެން ބޭނުމެއް ނޫން ބައްޕަ އުޅުނު ހާލުގައި މަރުވެދާން. އަހަންނަކީ މޮޔައެއް ނޫން.” ނާއިލް އެތައް ދުވަހަކަށްފަހު އައިޝާގެ އުގުގައި ބޯއަޅާލާ ކުޑަކުއްޖެއް ފަދައިން ރޮމުން ދިޔައިރު، މިހުރިހާ ދުވަހު އޭނާގެ ހިތުގައި ވަޅުލާފައިވާ އަދިރި މާޒީގެ ސަފްހާތައް ނިއުޅަމުން ދިޔައެވެ. (ނުނިމޭ)