English Edition
Dhivehi Edition

“ވަގުތު” އިން އިންތިޒާމް ކޮށްގެން އަންނަ ފިތުރު ޢީދުގައި އައްޑޫ ސިޓީގައި ބާއްވާ “މޯލްޑިވްސް ބިޒްނަސް ސްކޫލް ވަގުތު ފުޓްސަލް ޗެލެންޖް” ގެ ފުރަމަ މެޗުގައި ބައްދަލު ކުރާނެ ދެ ޓީމަށް މައިލޯ އެފްސީ އާއި، ފަސްގަނޑަ އެފްސީ ހޮވިއްޖެއެވެ. ފުރަތަމަ މެޗުގައި ނުވަތަ މުބާރާތް ހުޅުވާ މެޗުގައި އެދެޓީމް ކުޅޭގޮތަށް ހަމަޖެހުނީ ހިތަދޫ ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވި އެ ބުރާރާތުގެ ގުރުއަތުންނެވެ. މި މެޗު ފަށާނީ ފިތުރު އީދުދުވަހުގެރޭ 22:00 ގައެވެ. އެރޭގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އެފްސީ ޒެފިއާއި، މޯލްޑިވިއަންއެވެ. އެ މެޗުފަށާނީ އެރޭ 23:00 އެވެ. މި މުބާރާތް ކުރިއަށްދާނީ ހަތަރު ގްރޫޕަށް ބަހައިގެންނެވެ. ކޮންމެ ގްރޫޕެއްގައި ހިމެނެނީ 4 ޓީމެވެ. ގްރޫޕް އޭ ގައި ހިމެނޭ 4 ޓީމަކީ މައިލޯ އެފްސީ،ފަސްގަނޑަ އެފްސީ، ޓީމު ޓެކް، އެފްސީ ޓައިޓެންސްއެވެ. ގްރޫޕް ބީގައި ހިމެނެނީ އެފްސީ ޒެފިއާ، މޯލްޑިވިއަން، އެފްސީ ބޭރުމަތި، ފްރެންޑްސް ކްލަބެވެ. ގްރޫޕް ސީގައި ހިމެނޭ ޓީމުތަކަކީ ފެލްކަންސް އެފްސީ، ސީންސް އެފްސީ، ސްކޫޕް ކަންމައްތި، މަރަދޫ އެފްސީއެވެ. ގްރޫޕް ޑީގައި ހިމެނެނީ ޒެލޯން އާއި ފެނަކަ އާއި ޗެލެންޖާސްއާއި، މަލްޓި ޖީނިއަސްއެވެ. މުޅި އައްޑޫ ސިޓީއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ މެޗުތައް ކުޅޭނީ ރޭގަނޑުއެވެ. މުބަރާތް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ އީދު ދުވަހުގެރޭ 20:30 ގައެވެ. މުބާރާތް ކުރިއަށްދާނީ ހިތަދޫ މަނިކު ދަނޑުގައެވެ. މިއީ މިހާތަށް އައްޑޫސިޓީގައި ބާއްވާ އެންމެ އަގުބޮޑު ފުޓުސަލް މުބާރާތެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ، ރަނަރއަޕް ޓީމަށް ތިރީސް ހާސް ރުފިޔާ އިނާމަށް ހުށަހަޅައިފައިވެއެވެ. މުބާރާތުގައި އެންމެ ރަނގަޅަށް ސަޕޯޓްކުރާ ޓީމަކަށް ދިހަހާސް ރުފިޔާ ލިބޭނެ ކަމަށް “ވަގުތު” އިން މައުލޫމާތުދިނެވެ. މިމުބާރާތުގެ މައި ސްޕޮންސަރަކީ ތިލަފުށި ކޯޕަރޭޝަނެވެ. ޓައިޓަލް ސްޕޮންސަރަކީ މޯލްޑިވްސް ބިޒްނަސް ސްކޫލްއެވެ. ޓްރެވަލް ޕާޓްނަރަކީ މޯލްޑިވިއަންއެވެ. ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. ކޯ-ސްޕޮންސަރަކީއެކްސްޓްރީމާއި، ވިލާ ކޮލެޖުގެ އިތުރަށް ކޮންޓްރޯލްޕީ އެވެ. މުބާރާތުގެ މީޑިޔާ ޕާޓްނަރަކީ އެއޯ ނިއުސްއެވެ. އަދި މުބާރާތުގެ ބެވެރޭޖް ޕާޓްނަރަކީ ކޮކާ ކޯލާއެވެ. ކޭޓަރިން ޕާޓްނަރަކީ ފާސްޓް ފުޑެވެ.