English Edition
Dhivehi Edition
މެންބަރު ފަލާހު

މިއަދަށްވުރެ ރައްޔިތުންނަށް ފަސޭހައިން ޑޮލަރު ލިބެމުންދާ ޒަމާނެއް މި ފަހުގެ ތާރީހެއްގައި އައިސްފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

“އެމްއެމްޓީވީ” އިން ގެނެސްދިން ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގެ ކަވަރޭޖް ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފަލާހް މިހެން ވިދާޅުވީ އިދިކޮޅު އެމްޑީޕީން “ޑޮލަރެއް ނުލިބެއޭ” ނަމުގައި އެއްވުމެއް ބޭއްވުމަށް ނިންމާފައިވާ ނިންމުމަށް ފާޑުވިދާޅުވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި އެފަދަ އެއްވުމެއް ބޭއްވުމަކީ ވަރަށް ހަޑި ހުތުރު ކަމެކެވެ.

ފަލާހް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރު އާސަންދަ އަދި އެންސްޕާގެ އެހީގައި ބޭރަށް ފުރާ ކޮންމެ މީހަކަށް ބޭންކް ރޭޓްގައި 1000 ޑޮލަރު ލިބެމުންދެއެވެ. މީގެ އިތުރުން، ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށާއި، ހައްޖާއި އުމުރާއަށް ވަޑައިގަންނަވާ ބޭފުޅުންނަށް ވެސް ބޭންކް ރޭޓްގައި އެކަށީގެންވާ މިންވަރަށް ޑޮލަރު ދަނީ ދޫކުރަމުންނެވެ.

އިތުރަށް ފަލާހް ވިދާޅުވީ އާންމުން ބޭނުންކުރާ ޑެބިޓް، ކްރެޑިޓް އަދި ވިސާ ކާޑުތައް މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ދެތިން ހަތަރުހާސް ޑޮލަރު ބޭންކް ރޭޓުގައި ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާތީ، މިއީ އާންމު ރައްޔިތުންނަށް ޑޮލަރު ހޯދުމުގައި އެންމެ ފަސޭހަ ޒަމާން ކަމަށެވެ.