English Edition
Dhivehi Edition

ދިއްލީގެ ހައިކޯޓުން ވަނީ ބޮލީވުޑްގެ މަޝްހޫރު ކޮމެޑީ އެކްޓަރު ރާޖްޕާލް ޔާދަވް 3 މަސްދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

މި ހުކުމް އައީ އޭނާ ދޫކުރި 9 ކްރޯޑް ރުޕީސްގެ ޗެކްތަކެއް ބައުންސްވި މައްސަލައާ ގުޅިގެންނެވެ. މި މައްސަލައަކީ 2010 ވަނަ އަހަރު ރާޖްޕާލް އަމިއްލައަށް ޑައިރެކްޓްކޮށް ނެރުނު ފިލްމު “އަތާ ޕަތާ ލާޕަތާ” އަށް ފައިސާ ހޯދުމަށް ނެގި 5 ކްރޯޑް ރުޕީސްގެ ލޯނަކާ ގުޅިގެން އުފެދުނު މައްސަލައެކެވެ. ފިލްމު ފްލޮޕްވުމުގެ ސަބަބުން ލޯނު ނުދެއްކި، އިންޓްރެސްޓްއާ އެކު ދަރަނި ވަނީ 9 ކްރޯޑަށް އަރާފަ އެވެ.

ބައުންސްވި 7 ޗެކެއްގެ މައްސަލާގައި ރާޖްޕާލް ޔާދަވް 3 މަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ އިއްޔެއެވެ. ޝަކުވާ ހުށަހެޅި ފަރާތަށް ޖުމްލަ 7.35 ކްރޯޑް ރުޕީސް ދެއްކުމަށް ކޯޓުން އަމުރުކުރި އިރު މި ފައިސާ ނުދައްކައިފި ނަމަ އިތުރު 6 މަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. މި މައްސަލައިގައި ރާޖްޕާލްގެ އިތުރުން އޭނާގެ އަންހެނުން ރާދާ ޔާދަވް ވެސް ކުށްވެރިވެ، 5.5 ލައްކަ ރުޕީސް ދައްކަން ވަނީ އަމުރުކޮށްފައެވެ.

ކޯޓުން ވަނީ މި ހުކުމް ތަންފީޒުކުރުން ދެ މަސްދުވަހަށް ފަސްކޮށްދީފަ އެވެ. އެއީ ރާޖްޕާލް އަށް މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.