English Edition
Dhivehi Edition

ރާއްޖޭގެ 34 ވަނަ ލިޔުންތެރިންގެ ދުވަހާއި ގުޅުވައިގެން ބުކް ރައިޓާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބްވޭމް ) އިން 14 ފޮތެއް ލޯންޗުކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު، ނެޝަނަލް ލައިބްރަރީގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވެވީ މިނިސްޓްރީ އޮފް އާޓްސް ، ކަލްޗަރ އެންޑް ހެރިޓޭޖްގެ ސްޓޭޓް މިނިސްޓަރ ޝުކުރުއްالله ޝަކީލެވެ. ޝަކީލްގެ އިތުރުން އެ މިނިސްޓްރީގެ އިސްވެރިންނާއި ލައިބްރަރީގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ބުކް ލޯންޗިން ހަފްލާގައި ވަނީ އިނގިރޭސި ބަހުން ލިޔެފައިވާ 6 ފޮތާއި އަދި ދިވެހި ބަހުން ލިޔެފައިވާ 8 ފޮތެއް ލޯންޗްކޮށްފައެވެ.

އިނގިރޭސި ބަހުން ލިޔެފައިވާ ފޮތްތައް:

1- ހައްވާދީދީ- ބިޔޯންޑް ދަ ބްލެކް ޝޯ : ޝިމްލާ އަޙްމަދު/ އާސްޓްރަލްގެ ސ. ހިތަދޫ

2- ވޯކް ދަ 40 ސްޓެޕްސް : އާމިނަތު ނަސްރާ/ ހ. ސިލްވަރސޭންޑް . މާލެ

3- ދަ ރިއަލިޓީސް އޮފް ލައިފް : ސަމާ އިބްރާހިމް ދީދީ / އާޒާދުގެ ސ. މަރަދޫ

4- ދަ ޓައިޑްސް އޮފް ޗާއޮސް އިންޓުދަ އަބީސް : އަޙްމަދު އަލީމް/ މ. އާސްތާނާ. މާލެ

5- ދަ ޕަވަރ އޮފް އެޑަޕްޓަބިލިޓީ އިން އޭން އަން ޕްރެޑިކްޓަބަލް ވޯލްޑް : ޖޯން ޚާލިދު ބްރިގްޑެން

6- ދަ ކެޓް އެންޑް ދަ ބަން : ޢަލީ ޢީސާ/ ހުޅުމާލެ، ވިނަރެސް 6 ބީ-601

ދިވެހި ބަހުން ލިޔެފައިވާ ފޮތްތައް:

1- ފުރަތަމަ ފަތި : އާމިނަތު ވިލީނިޔާ/ ގ. މެޑޯ . މާލެ

2- ޔާސީނުގެ ޢުމްރާ ދަތުރު : ތަަބައްސުމް މުޙައްމަދު ޙަސަން/ ސީޑަމް ސ. ހިތަދޫ

3- ވުނަ- ޔާރު : އާމިނަތު ޢަލީ/ ނޮވެމްބަރގެ ސ. ހިތަދޫ

4- ތިޔަކުދިންގެ ސިއްޙަތު: ޑރ ފާތިމަތު މުފްލިޙާ/ ހ. ކަނޑިގެ 2 . މާލެ

5- އަންތިރާ: މުޙައްމަދު އާދަމް/ ފެހި އާބާދު. އއ. ހިމަންދޫ

6- މަގޭ ފޮތް : ޢަލީ ޢީސާ/ ހުޅުމާލެ، ވިނަރެސް 6 ބީ-601

7- ކާމިޔާބު އާދަ 50 : ފާތިމަތު ޢާފިޔާ/ ހ. ތްރީލައިޓްސް. މާލެ

8- ހަދިޔާ : ޝިމްލާ އަޙްމަދު/ އާސްޓްރަލްގެ ސ. ހިތަދޫ

މީގެ ތެރޭގައި މުޅިން އައު ލިޔުންތެރިންނާއި އަދި މީގެ ކުރިންވެސް ފޮތް ލިޔުއްވަވާފައިވާ ބޭފުޅުން ހިމެނެއެވެ. ކޮންމެ ލިޔުންތެރިއަކުވެސް ވަނީ ފޮތް ލޯންޗުކުރުމާއެކު އެ މުސައްނިފެއްގެ ފޮތާއި ބެހޭ ކުރު ތަޢާރަފެއް ދެއްވަވާފައެވެ.

ތަފާތު އެކި ދާއިރާތަކުން ލިޔެފައިވާ މި ފޮތްތަކަކީ ރާއްޖޭގެ އަދަބިއްޔާތަށް އިތުރުވެގެން ދިޔަ އަގުހުރި ޢިލްމީ ޚަޒާނާއެއް ކަމަށް ޝަރަފުވެރި މެޙްމާނު ޝުކުރުއްالله ވަނީ ވިދާޅުވެފައެވެ.

މި ރަސްމިއޔާތުގައި ލައިބްރަރީގެ ފަރާތުން ވަނީ ލިޔުންތެރިންނަށް މައުލޫމާތު ފޯރުކޮށްދެއްވަވާފައެވެ. އެގޮތުން ފޮތް ޕަބްލިޝް ކުރުމުގައި ވިސްނަން ޖެހޭ ކަންތައްތަކާއި އަދި ގާނޫނީ ގޮތުން ލާޒިމު ކުރާ ކަންތައްތަކާއި ބެހޭ މައުލޫމާތު ހިއްސާ ކުރައްވަވާފައެވެ.

ބުކް ރައިޓާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބްވޭމް ) އަކީ މި ދިޔައަހަރުގެ ޑިސެމްބަރު މަހު ރަސްމީކޮށް ރަޖިސްޓްރީ ކޮށްގެން ހިންގަން ފެށި މަދަނީ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ ކޯ ފައުންޑަރުންނަކީ ފާތިމަތު އާފިޔާ، ޝިމްލާ އަޙްމަދު، ޙުސެއިން ސިރާޖް، ޢަލީ ޢީސާ އަދި ޑރ ފާތިމަތު މުފްލިޙާ އެވެ. ޖަމިއްޔާގެ މެމްބަރުންގެ ތެރޭގައި ދިވެހި ބަހުންނާއި އަދި އިނގިރޭސި ބަހުން ފޮތް ލިޔުއްވަވާ ބޭފުޅުން ހިމެނެއެވެ. އަލަށް ފަށައިގަންނަ ލިޔުންތެރިންނަށް ދާއިރާގައި ކުރިއަށް ދާނެ ގޮތް ކިޔައިދިނުމަކީ މި ޖަމިއްޔާގެ އެއް މަގުޞަދެވެ. މީގެ އިތުރުން އައު ލިޔުންތެރިން އުފެދި އަދި ގިނަ ފޮތްތަކެއް ރާއްޖޭގެ އަދަބިއްޔާތަށް އިތުރުވެގެން ދިޔުމަކީ ވެސް ޖަމިއްޔާގެ މަގުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.