English Edition
Dhivehi Edition
ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު ޝަރީފް

ޒުވާން ވިޔަފާރިވެރިންނަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ފަށާފައިވާ “ޔޫތު އެންޓަޕްރީނިއާޝިޕް ފައިނޭންސިން” ފެސިލިޓީގެ ދެވަނަ ފިޔަވަހީގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މި ފެސިލިޓީގެ މައިގަނޑު މަގުސަދަކީ ހުނަރުވެރި ޒުވާނުން ދެކޭ ވިޔަފާރީގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށްޓަކައި، ލުއިފަސޭހަ ގޮތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި ފުރުސަތު ހާއްސަކުރެވިފައިވަނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އެގޮތުން، އެއްވެސް އިކުއިޓީއެއް އަދި ރަހުނަކާ ނުލައި ކޮންމެ ފަރާތަކަށް ވެސް 150،000 ރުފިޔާއާ ހަމައަށް ފައިނޭންސިން ހޯދުމުގެ ފުރުސަތު ލިބިގެންދެއެވެ. މި ފެސިލިޓީ ދޫކުރުމަށް ހަމަޖެހިފައިވަނީ އަހަރަކު 7 ޕަސަންޓުގެ ފައިދާ ރޭޓެއްގައި، 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާ އެކު، 5 އަހަރުގެ މުއްދަތެއްގެ ތެރޭގައި ފައިސާ އަނބުރާ ދައްކާ ގޮތަށެވެ.

ދެވަނަ ފިޔަވަހީގެ ދަށުން ފައިނޭންސިންއަށް އެދި ހުށަހެޅުމުގެ ކުރިން، ހާއްސަ އޮންލައިން ފައިނޭންޝަލް ލިޓްރަސީ ޕްރޮގްރާމެއް ފުރިހަމަކުރުން މަޖުބޫރެވެ. މިއީ ވިޔަފާރީގެ މާލީ ހިސާބުތައް ބަލަހައްޓާނެ ގޮތާއި، މާލީ އެހީތެރިކަމާ އެކު ވިޔަފާރި ހިންގުމުގައި ވިސްނަންޖެހޭ މުހިންމު ކަންކަން ދަސްކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ. އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މި ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު، ބީއެމްއެލް ސްވައިޕް އެޕް މެދުވެރިކޮށް ފަސޭހަކަމާ އެކު އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށާއި، މި ފިޔަވައްސަށް ކަނޑައެޅިފައިވާ ބަޖެޓު ހުސްވަންދެން ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށް ބުންޏެވެ.

މި ފެސިލިޓީއާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، އަލަށް ފެށި މި ފައިނޭންސިންގެ ފުރަތަމަ ފިޔަވައްސަށް ލަފާކުރި ވަރަށް ވުރެ ވެސް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށެވެ. އަދި ޒުވާނުންނަކީ މިފަދަ ފައިނޭންސިން ފުރުސަތުތަކަށް ނުހަނު ބޭނުންޖެހިފައިވާ ބައެއްކަން ފާހަގަކުރެވިގެންދިޔަ ކަމަށާއި، މި ފުރުސަތުގެ ސަބަބުން ޒުވާނުން އެދޭފަދަ ވިޔަފާރިތައް ފެށުމަށް މަގުފަހިވެގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ބުންޏެވެ.

ދެވަނަ ފިޔަވަހި މި ފެށުނީ ފުރަތަމަ ފިޔަވަހީގެ ބޮޑު ކާމިޔާބީއަށް ފަހުގައެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުން 3،000 އަށް ވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް ވަނީ 300 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ފައިނޭންސިން ދޫކޮށްފައެވެ.