English Edition
Dhivehi Edition

އާދަޔާ ހިލާފަށް ހޫނުގަދަވުމަކީ ކޮންމެ މީހަކަށްވެސް އޭގެ އަސަރުކޮށްފާނެ ކަމެކެވެ. ނަމަވެސް، އަންހެނުންގެ ސިއްހަތަށް ހާއްސަ އެންއެޗްއެސްގެ ޖީޕީއެއް ކަމަށްވާ ޑރ. ނިގްހަތު އާރިފްވިދާޅުވި ގޮތުގައި، ހީޓްވޭވްތަކަކީ އަންހެނުންގެ ލޭދައުރުކުރާ ނިޒާމަށް ކުރިމަތިވާ ވަރުގަދަ “ސްޓްރެސް-ޓެސްޓެއް” ކަމަށާއި، ފިރިހެނުންނަށްވުރެ ބޮޑަށް މީގެ އަސަރު އަންހެނުންނަށް ކުރާ ކަމަށެވެ.

ޔޫސީއެލްގެ އިންސްޓިޓިއުޓް ފޯ ގްލޯބަލް ހެލްތުގެ އެކަޑެމިކް ޕަބްލިކް ހެލްތު ކޮންސަލްޓަންޓް ޑރ. ކެޓް ޕިންހޯ-ގޯމްސް ވިދާޅުވީ، ހީޓްވޭވްތަކާ ގުޅިގެން މަރުވާ މީހުންގެ ތެރޭގައި ފިރިހެނުންނަށްވުރެ އަންހެނުން ގިނަވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންކަމުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިނގިރޭސިވިލާތަށް ކުރިމަތިވާ ހީޓްވޭވްތައް އިތުރަށް ވަރުގަދަވެ، ގިނަވަމުންދާއިރު، އަންހެނުންނަށް ހުރި ނުރައްކާތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި އެމީހުން ރައްކާތެރިކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް މާހިރުން ދަނީ ގޮވާލަމުންނެވެ.

ހޯމޯންގެ މިންވަރާއި ހޫނަށް ހަށިގަނޑުންދޭ އިޖާބަ

ބަޔޮލޮޖިކަލް ގޮތުން ބަލާއިރު، އަންހެނުންނަށް އޮތް ނުރައްކާ ބޮޑުވަނީ މައިގަނޑު ދެ ކަމަކާ ހުރެއެވެ. އެއީ ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ބަދަލުތަކާއި، ފިރިހެނުންނާ ހިލާފަށް ހޫނަށް ހަށިގަނޑުން އިޖާބަދޭ ގޮތް ތަފާތުވުމުން ކަމަށް ޑރ. އާރިފް ވިދާޅުވިއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، އަންހެނުންގެ ހަށިގަނޑުން ދާހިއްލާ މިންވަރު މަދެވެ. އަދި ދާހިއްލަން ފަށަނީވެސް މާ މަތީ ފިނިހޫނުމިނެއްގައެވެ. މީގެ ސަބަބުން ހަށިގަނޑުން އިތުރުވާ ހޫނު އަވަހަށް ބޭރުކޮށްލުމަށް ހުރަސްއެޅެއެވެ. އަދި ހަމާއި ފޭރާމުން ދާ ގިނައިން ނުފެންނާތީ، ހަށިގަނޑަށް ބާރުބޮޑުވަމުންދާކަން ދެނެގަންނަން އަންހެނުންނަށް އުނދަގޫވެއެވެ.

ހަމަ އެ ދިރާސާއިން އެނގުނު ގޮތުގައި، ފިރިހެނުންނަށްވުރެ އަންހެނުންގެ ހަށިގަނޑުގެ އެތެރޭގެ ފިނިހޫނުމިން މައްޗެވެ. އަދި ހަށިގަނޑުގައި ސަރުބީ ހުންނަ ނިސްބަތް ގިނަވުމަކީ ހޫނު ހިފަހައްޓާ އިތުރު ފަށަލައެއް ފަދަ އެއްޗެކެވެ.

މީގެ އިތުރުން، އަންހެނުންގެ ހޯމޯންތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން، ސިކުނޑީގެ ފިނިހޫނުމިން ކޮންޓްރޯލްކުރާ ނިޒާމަށް ބުރޫއަރައެވެ. ހާއްސަކޮށް މައްސަރު ކަންތައް، ޕެރިމެނޯޕޯޒް، މެނޯޕޯޒް، މާބަނޑު ދުވަސްވަރު އަދި ގާތުންދޭ ދުވަސްވަރު އީސްޓްރޯޖަން އާއި ޕްރޮޖެސްޓަރޯން ހޯމޯންއަށް އަންނަ ބޮޑެތި ބަދަލުތަކުގެ ސަބަބުން ހަށިގަނޑުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމަށް އުނދަގޫވެއެވެ. މިއީ ހޫނު މޫސުމުގައި ލޭދައުރުކުރާ ނިޒާމަށް ވަރަށް ބާރު ބޮޑުވާ ކަމެކެވެ.

އިޖުތިމާއީ އަދި އުމުރުގެ ސަބަބުން ކުރާ އަސަރު

ޑރ. ޕިންހޯ-ގޯމްސް ވިދާޅުވި ގޮތުގައި، ނުރައްކާ ބޮޑުވަނީ ހަމައެކަނި ބަޔޮލޮޖިކަލް ސަބަބުތަކާ ހުރެއެއް ނޫނެވެ. އަންހެނުންގެ އިޖުތިމާއީ އަދި އިގްތިސާދީ ހާލަތްތައް—އެގޮތުން އާމްދަނީ ދަށްވުމާއި، އާއިލާގެ މީހުން ބެލެހެއްޓުމުގެ ޒިންމާ އަންހެނުން އުފުލަންޖެހުން ފަދަ ކަންކަމުގެ ސަބަބުން، ހޫނުގަދަ މޫސުމުގައި އަމިއްލަ ނަފްސަށް އަޅާލުމަށް އޮންނަ ފުރުސަތު ހަނިވެގެންދެއެވެ.

އުމުރަކީވެސް އަނެއް ސަބަބެވެ. އުމުރުން ދުވަސްވީ ވަރަކަށް ހޫނުގެ ނުރައްކާ ބޮޑުވެއެވެ. އަދި ފިރިހެނުންނަށްވުރެ އަންހެނުން ދިރިއުޅޭ އުމުރު ދިގުވުމުން، ހޫނުގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް އަންހެނުންނަށް ކުރިމަތިވުން ގާތެވެ. އުމުރުން ދުވަސްވީ މީހުންނަށް ޑިމެންޝިއާ (ހަނދާން ނެތޭ ބަލި) ޖެހުމުން ކޮންމެހެން ބޭނުންވާ ފެން ބޯން ހަނދާން ނެތުމާއި، ލޭގެ ފިއްތުން ދަށްކުރަން ބޭނުންކުރާ ބޭސްތަކުގެ ސަބަބުން ހަށިގަނޑުން ފެން މަދުވުން ފަދަ ކަންކަމާ ހުރެ ހޫނުގެ އަސަރު މާ ބޮޑަށް ކުރެއެވެ.

މައްސަރު ދުވަސްވަރު އިތުރަށް އުނދަގޫވުން

މައްސަރު ދުވަސްވަރު ހޯމޯންތަކަށް އަންނަ ބަދަލުތަކާއެކު ހޫނަށް ހަށިގަނޑު ނާޒުކުވާ މިންވަރުވެސް ބަދަލުވެއެވެ. މައްސަރު ކަންތައް ލައިގަތުމުގެ ކުރިން، ދައުރުގެ ދެވަނަ ބައިގައި ޕްރޮޖެސްޓަރޯން މަތިވުމުގެ ސަބަބުން ހަށިގަނޑުގެ އެތެރޭގެ ފިނިހޫނުމިން މަތިވެ، ހޫނުގެ އުނދަގޫ ބޮޑުވެއެވެ. އަދި މައްސަރު ކަންތައް ފެށުމުން، ފިނިހޫނުމިން ކޮންޓްރޯލްކޮށްދޭ އީސްޓްރޯޖަން ހޯމޯން އެންމެ ދަށް މިންވަރަކަށް ވެއްޓެއެވެ. މީގެ ސަބަބުން ހަށިގަނޑު ފިނިކުރުމަށްޓަކައި ހިތަށް ކުރާ ބާރު ބޮޑުވެއެވެ. މީގެ އިތުރުން ލޭ ބޭރުވުމުން ހަށިގަނޑުން ދަގަނޑުގެ ބައިމަދުވެ، ވަރުބަލިވުމާއި ބޯއެނބުރުން ފަދަ ކަންކަން އިތުރުވެއެވެ.

މެނޯޕޯޒް ދުވަސްވަރުގެ އުނދަގޫތައް ބޮޑުވުން

އީސްޓްރޯޖަން ދަށްވުމުގެ ސަބަބުން މެނޯޕޯޒް (އިއްދައިން ވަކިވުން) ދުވަސްވަރުގެ އަންހެނުންނަށް ކުއްލިއަކަށް މާބޮޑަށް ހޫނުވުމާއި ރޭގަނޑު ދާހިއްލުން އާންމުކޮށް ދިމާވެއެވެ. ހީޓްވޭވް އެއްގެ ތެރޭގައި މި އުނދަގޫތައް މާ ބޮޑަށް އިތުރުވެއެވެ. ގިނަ އަންހެނުން ހާމަކޮށްފައިވާ ގޮތުގައި ރޭގަނޑު ނިދަން އުނދަގޫވެ، މުޅި ހަށިގަނޑުން ހޫނު އަރާ ފަދަ އިހުސާސެއް ކުރެވެއެވެ.

މާބަނޑު ދުވަސްވަރު ހޫނުގެ ސްޓްރެސް ބޮޑުވުން

ދާދި ފަހުން ލެންސެޓް މަޖައްލާގައި ޝާއިރުކުރި ދިރާސާއަކުން ދައްކާ ގޮތުގައި، މާބަނޑު އަންހެނުންގެ ހަށިގަނޑުން އުފައްދާ ހޫނާއި ފެނަށް ބޭނުންވާ މިންވަރު އިތުރުވުމުގެ ސަބަބުން، ހަށިގަނޑުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމަށް އުނދަގޫވެއެވެ.

ބަނޑުގައިވާ ދަރިފުޅު ބޮޑުވަމުންދާ ވަރަކަށް ލޭދައުރުކުރާ ނިޒާމަށް އޮންނަ ބާރު ބޮޑުވެއެވެ. އަދި މިފަދަ ހޫނުގަދަވުމުގެ ސަބަބުން މައިމީހާއަށާއި ދަރިފުޅަށް ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު ބޮޑުވާ ކަމަށްވެސް ދިރާސާއިން ދައްކައެވެ.

ހީޓް އެގްޒޯސްޝަން އަދި ހީޓް ސްޓްރޯކްގެ އަލާމާތްތައް ދެނެގަތުން

ހޫނަށް މާބޮޑަށް ހުށަހެޅުމަކީ ހިތުގެ ބަލިތަކާއި މަރުވުމުގެ ނުރައްކާ، ހާއްސަކޮށް އަންހެނުންގެ މެދުގައި އިތުރުކުރާ ކަމެކެވެ. ހޫނުގަދަވުމުން ލޭގެ ފިއްތުން ދަށްވެ، ދަލާއި ފެނުގެ ބައި މަދުވުމުން ‘ހީޓް އެގްޒޯސްޝަން’ (ހޫނުގެ ސަބަބުން ލޮޑުވުން) މެދުވެރިވެއެވެ. ލޭގެ ފިއްތުން މާބޮޑަށް ދަށްވެއްޖެ ނަމަ ހާޓް އެޓޭކް ޖެހުމުގެ ފުރުސަތުވެސް ބޮޑުވެއެވެ.

  • ހީޓް އެގްޒޯސްޝަން: ބޯއެނބުރުން، މާބޮޑަށް ދާހިއްލުން، ހަންގަނޑު ފިނިވެ ތެތްވުން، މޭނުބައިކުރުން ނުވަތަ ހޮޑުލެވުން، އަދި މަސްތަކުގައި ރިއްސުން.

  • ހީޓް ސްޓްރޯކް: ބޯއެނބުރާ، ދާ ނުހިއްލުން، ހަށިގަނޑުގެ ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށްވުރެ މަތިވުން، ހަންގަނޑު ހޫނުވެ ހިކުން، ހޭނެތުން ނުވަތަ ފިޓްޖެހުން. (މިއީ ކުއްލި ސިއްހީ ފަރުވާ ބޭނުންވާ ހާލަތެކެވެ).

ޑރ. އާރިފް އިރުޝާދު ދެއްވަނީ ހޫނު މޫސުމުގައި ގިނައިން ފެން ބުއިމަށާއި، ފަންކާ ނުވަތަ ފިނިކުރާ ތަކެތި ބޭނުންކުރުމަށެވެ. އަދި ކަސްރަތު ކުރާ ނަމަ އިރުއެރުމުގެ ކުރިން ނުވަތަ އިރުއޮއްސުމުގެ ފަހުން ކުރުމަށާއި، ސަން ކްރީމް ބޭނުންކުރުމަށް ބާރުއެޅުއްވިއެވެ.

“ހޫނަށް ބަލަންވާނީ ހިތަށް ދެވޭ ސްޓްރެސް ޓެސްޓެއްގެ ގޮތުގައި،” އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ވަޒީފާދޭ ފަރާތްތަކާއި ސިޔާސަތު އެކުލަވާލާ ފަރާތްތަކުން އަންހެނުންނަށް ހޫނު މޫސުމުގައި ދިމާވާ މިފަދަ ހާލަތްތަކަށް މިއަށްވުރެ ބޮޑަށް ސަމާލުވުމަށް އޭނާ ގޮވާލެއްވިއެވެ.

“މިއީ ހަމައެކަނި އަންހެނުންގެ މައްސަލައެއް ނޫން. މިއީ މުޅި މުޖުތަމައުގެ މައްސަލައެއް. އަންހެނުންނަށް މިކަން ރަނގަޅުކޮށްދެވިއްޖެ ނަމަ، އެންމެންނަށްވެސް މީގެ ފައިދާ ކުރާނެ،” ޑރ. އާރިފް ވިދާޅުވިއެވެ.