މި އަހަރުގެ ވަރލްޑް ކަޕްގެ ފުރަތަމަ ކުއާޓަރ ފައިނަލް މެޗު އިއްޔެ ނިމިގެންދިޔައީ މާބޮޑު ހާސްކަމެއް ނެތިއެވެ. މޮރޮކޯގެ މައްޗަށް 2-0 އިން ފަސޭހަ މޮޅެއް ހޯދައި، ފްރާންސް ވަނީ ސެމީ ފައިނަލުން ޖާގަ ކަށަވަރުކޮށްފައެވެ.
މިރޭ މިއޮތީ ސްޕެއިން އާއި ބެލްޖިއަމްގެ މެޗެވެ.
އަންނަ އަންގާރަ ދުވަހު ޑަލަސްގައި ހުންނަ އޭ.ޓީ.އެންޑް.ޓީ ސްޓޭޑިއަމްގައި ފްރާންސާ ދެކޮޅަށް ކުޅުމުގެ ފުރުޞަތު ހޯދުމަށް، މި ދެ ޓީމު މިރޭ ކުރިމަތިލާނެއެވެ. މިރޭގެ ކުއާޓަރ ފައިނަލަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ވަރަށް ފޯރިގަދަވާނެ ކުރިމަތިލުމެކެވެ.
މި މެޗުގައި ބޮޑަށް ބެލެވެނީ ސްޕެއިން މޮޅުވާނެ ކަމަށެވެ. އެ ޓީމަކީ މިފަހަރުގެ ވަރލްޑް ކަޕްގައި މިހާތަނަށް ބަލިނުވެ އޮތް ޓީމެކެވެ. ހަގީގަތުގައި 2025 ވަނަ އަހަރުގެ ޖޫން މަހު ނޭޝަންސް ލީގުގެ ފައިނަލުގައި ޕޯޗުގަލް އަތުން ޕެނަލްޓީން ބަލިވި ފަހުން ސްޕެއިން އަދި ބަލިވެފައެއް ނުވެއެވެ. އަދި މި މުބާރާތުގައި ކުޅުނު ފަސް މެޗުގައިވެސް އެ ޓީމު ކޮޅަށް ގޯލެއް ވަދެފައެއް ނުވެއެވެ. މިއީ ތަފާސްހިސާބުތަކަށް ބަލާއިރު މި މުބާރާތުގެ އެންމެ ވަރުގަދަ ޑިފެންސެވެ.
ސްޕެއިންގެ ސްކޮޑުގައި ތިބި ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނަށް ބަލާއިރު މިއީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. އުމުރުން އެންމެ 18 އަހަރުގެ ލަމީން ޔަމާލްއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު އެޓޭކަރެވެ. އޭނާގެ އިތުރުން ބެލޮންޑޯ ހޯދާފައިވާ ރޮޑްރީ، ޕެޑްރީ އަދި ޑެނީ އޮލްމޯ ފަދަ މޮޅު ކުޅުންތެރިން މެދުތެރޭގައި ތިބުމަކީ އެ ޓީމުގެ ވަރުގަދަކަން ހާމަވާ ކަމެކެވެ.
ނަމަވެސް، ބެލްޖިއަމާ ދެކޮޅަށް ކުޅޭއިރު ފަރުވާކުޑަކޮށްލެވޭކަށް ނެތެވެ. ބެލްޖިއަމްގެ ‘ރަން ޖީލު’ގެ ކުޅުންތެރިންގެ ތެރެއިން ގިނަ ކުޅުންތެރިން މިހާރު ރިޓަޔަރ ކުރި ނަމަވެސް، ރޮމެލޫ ލުކާކޫ އަދި ކެވިން ޑި ބްރުއިނާ ފަދަ ތަޖުރިބާކާރު ކުޅުންތެރިން އަދިވެސް އެބަތިއްބެވެ. މީގެ އިތުރުން ޖެރެމީ ޑޯކޫ އާއި ލިއަންޑްރޯ ޓްރޮސާޑް ފަދަ ހަލުވި ކުޅުންތެރިންނަކީ ކޮންމެ ވަގުތަކުވެސް ނަތީޖާ ބަދަލުކޮށްލުމުގެ ގާބިލުކަން ހުރި ކުޅުންތެރިންނެވެ.
އެމެރިކާ އާއި މެކްސިކޯ ވޯލްޑްކަޕުން ކެޓުމާ ގުޅިގެން، ކުއާޓަރ ފައިނަލް މެޗުތަކުގެ ޓިކެޓްގެ އަގުތައް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ސްޕެއިން އާއި ބެލްޖިއަމް ބައްދަލުކުރާ މެޗުގެ ޓިކެޓްގެ އަގު %65 ދަށަށް ގޮސްފައިވާއިރު، މީގެ ކުރިން 3,200 ޑޮލަރަށް ހުރި ޓިކެޓެއް މިހާރު 1,100 ޑޮލަރަށް ލިބެން އެބަހުއްޓެވެ. މިއީ އެމެރިކާގެ ސަޕޯޓަރުންގެ ޑިމާންޑް ކުޑަވުމުގެ ސަބަބުން މާކެޓަށް އައި ބަދަލެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.