ގ.ފުންފަޅު ގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 28 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނު ކަމަށް ނެޝެނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެ ގޭގެ ހަތަރުވަނަ ފްލޯގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 10:49 ހާއިރުއެވެ. އަލިފާންގަނޑު ނިއްވާލެވުނީ ރޭ 11:48 ހާއިރުއެވެ.
އެންޑީއެމްއޭ އިން ބުނީ އެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން އައިޖީއެމްއެޗުން 25 މީހަކަށް އަދި އޭޑީކޭ ހޮސްޕިޓަލުން ތިން މީހަކަށް ފަރުވާ ދީފައިވާ ކަމަށެވެ.
އެ ހާދިސާގައި އިމާރާތުގައި ދިރިއުޅޭ 58 އަށް މީހުންނަށް އިވެކުއޭޝަން ސެންޓަރު މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު އެއީ 24 ފިރިހެނުންނާއި 30 އަންހެނުންނާއި އަދި ހަތަރު ކުދިން ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.