މާލޭގައި، ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގައި ހުރި 10 ގެޔަކުން މީހުން ހުސްކޮށް 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދޭން ޖެހުނު ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންތް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
ގަސް ކާނާ އާއި އެކި ބާވަތުގެ ކެމިކަލް ފަދަ ތަކެތި ރާއްޖެ އެތެރެކޮށް ވިއްކާ ޕްރައިމް ފާޓިލައިޒާގެ މައި ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ކުންފުނީގެ މުދަލުގެ 80 ވަރަކަށް ޕަސެންޓް ވަނީ އަދާފައެވެ.
އެންޑީއެމްއޭއިން ބުނީ މި ހާދިސާ އާއި ގުޅިގެން ރޭ ދަންވަރު 2:30 އާ ހަމައަށް 15 ގެއަކުން 454 މީހުން އިވަކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީ ކުރި ކަމަށެވެ. އަދި ވަގުތީ ހިޔާވަހިކަން ދިން މީހުންގެ ތެރޭގައި ބިދޭސީ 302 މަސައްކަތްތެރިން ހިމެނޭކަމަށާ އޭގެ ތެރެއިން 280 މީހަކާ އެ މީހުންގެ ކުންފުނިތަކުން ހަވާލުވެފައިވާ ކަމަށެވެ. އަދި 20 ބިދޭސީއަކަށް ދިވެހި ރެޑްކްރެސެންޓުން އެހީތެރިކަން ދީފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.
އިތުރަށް އެންޑީއޭއިން ބުނނީ ބައެއް އާއިލާތަކުން ވަގުތީ ގޮތުން އާއިލީ ގޭގެއަށް ބަދަލުވެފައި ވާކަމަށެވެ. އަދި އަލިފާނުގެ ހާދިސާއާ ގުޅިގެން ހުސްކުރަން ޖެހުނު 15 ގެ ވެސް ހުސްކުރަން ޖެހުނީ ބޯ ދުމުގެ ސަބަބުންކަމަށްވެސް އެންޑީއޭއިން ވަނީ ބުނެފައެވެ. އަދި ދުމުގެ އަސަރުކޮށްގެން ހަތް މީހަށް ހޮސްޕިޓަލުން ފަރުވާދީފައިވާއިރު އަލިފާނުގެ ހާދިސާ ހިނގިތާ ދޮޅު ގަޑިއެއްހާއިރު ފަހުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ނަމަވެސް އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައި ވަނީ ފަތިހު އެވެ.