English Edition
Dhivehi Edition
ގއ. ވިލިނގިލީ ހަރުގޭގައި ހިނގި އަލިފާނުގެ ޙާދިސާ

ނިމިގެންދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ގއ. ވިލިނގިލީގައި ތަނެއް ރޯވެގެން އުޅޭ ކަމުގެ ޚަބަރު ލިބުނެވެ. އަވަސް އަރުވާލާފައި ޚަބަރުގެ ތަފްސީލު ހޯދުމަށް ކުރި މަސައްކަތުން އެއީ ކޮންތަނެއްކަން އެނގުނެވެ. އެއީ ވިލިނގިލި އުތުރު ފަރާތުގައި ރާއްވެއްރެހާ ދިމާއަށް ސަފާރީއެއް ބަނުމަށްޓަކައި ހަދާފައި ވާ ހަރުގެއެވެ. މައުލޫމާތު ލިބޭ ގޮތުގައި ދިގު މިނުގައި 125 ފޫޓް، ފުޅާ މިނުގައި 54 ފޫޓް ހުރި މި ސަފާރީ އަކީ 50% ބޮޑުބައި ނިމިފައި ވާ ސަފާރީއެކެވެ. މިހިތާމަވެރި ޙާދިސާއާއި ގުޅޭ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރު ވަމުން ދާއިރު އެއިން އެއްވެސް އެއްޗަކުން ރޯވި އަލިފާން ނިއްވާލަން މަސައްކަތް ކުރާ ތަނެއް ނުފެންނަކަން ފާހަގަކުރެވުނެވެ. ވިލިނގިއްޔަކީ އަލިފާން ރޯވުމުން ނިއްވާލެވޭނެ އެއްވެސް ނިޒާމެއް ގާއިމްވެފައިވާ ރަށެއްނޫނެވެ. އަދި އެމްއެންޑީއެފް އިން ދެއްވި މަޢުލޫމާތު ތަކުން އެނގިގެން ދިޔައީ އަލިފާން ނިއްވާލުމަށްޓަކައި ގދ. ތިނަދޫއިން ފަޔާ ފައިޓަރުން ގެންނަ ކަމެވެ.

 

މިހަރުގޭގައި ކުރިން ހިނގި މަރުގެ ޙާދިސާ:

ވިލިނގިލީގައި އަލިފާން ރޯވެ އަނދާ ހުލިވި މި ހަރުގެއަކީ ވިލިނގިލީގެ ތާރީޚީ ބޮޑު މަރަކާ ގުޅުން ހުރި ހަރުގެއެއްކަން އޭއޯ ނިއުސްއަށް ކަށަވަރުވިއެވެ. އެއީ 2019 ފެބްރުއަރީ 16 ވަނަ ދުވަހުގެ ރޭ މި ހަރުގޭގައި ޖަހާފައި ހުރި ކަރަންޓް ދަންތުރައެއްގައި ޖެހިގެން މިދުނިޔެ ދޫކުރި ސިމާދުގެ މަރުގެ ހާދިސާ އެވެ. ސިމާދަކީ އައްޑޫ ސިޓީ އަށް ނިސްބަތްވާ މީހެއް ނަމަވެސް ގއ. ވިލިނގިލީ މީހަކާ އިނދެގެން އޭނާ ދިރިއުޅެމުން ދިޔައީ ވިލިނގިލީގައެވެ.

ހަރުގޭގައި މަރުވެފައި އޮތްވާ ފެނުނު ސިމާދު

މި މައްސަލައިގެ ތަފްސީލު އޭރު މީޑިއާއަށް ދެއްވަމުން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމެންޓްގެ ހެޑް ސުޕްރިޓެންޑް އޮފް ޕޮލިސް ހަސަން ޝިފާޢު ވިދާޅުވީ ސިމާދުގެ ޚަބަރެއް ނުވެގެން އޭނާގެ އަންހެނުން ދެ ފަހަރެއްގެ މަތިން ފުލުހުންގެ އިދާރާއަށް ހާޟިރުވި ކަމަށާއި އަދި ފަހުން ދިޔަ ފަހަރު އޭނާ ގެއްލުނު ކަމަށް ފުލުހަށް ރިކޯޑް ކޮށްފައިވާކަމަށެވެ. އޭނާ ހޯދަމުން ދަނިކޮށް 2019 ފެބްރުއަރީ 17 ވަނަ ދުވަހުގެ ހެނދުނު 7:10 ހާއިރު ގއ. ވިލިނގިލި، ސައިސަން ، ސައީދު ހަސަން ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނަށް ހާޟިރުވެ، ހަރުގެ ތެރެއަށް ވާގޮތަށް ޓިނު ގަނޑެއްގެ ދޭތެރޭގައި މީހަކު ތާށިވެފައި އޮތްކަމަށް ބުނެ މައްސަލަ ހުށަހެޅިއެވެ. ފުލުހުން ސީން އަށް ގޮސް ބެލިބެލުމުން، ހަރުގޭގެ އުތުރު ފަރާތު ބިތުގެ ތިރިން ފޫޓެއް ހާވަރަށް ޓިނުގަނޑެއް ފޭކޮށްފައި ހުރި ކަމަށް ފާހަގަކުރެވިގެން އިތުރަށް ބެލުމުން އެ ޓިނުގަނޑާ ދިމާލުން ހަދާފައި ހުރި ބައިގަނޑެއްގެ ތެރެއިން މީހަކު ފެނިފައިވެއެވެ. އެތަނުން ފެނުނީ މަރުވެ ހަރުވެފައިއޮތް ސިމާދުގެ ފުރާނަނެތް ހަށިގަނޑެވެ.

ޝިފާޢު ވިދާޅުވި ގޮތުގައި އެ ހަރުގެ ބަލަހައްޓަމުން ދިޔައީ ސައީދު ހަސަން އެވެ. އޭނާ އަކީ ފެނަކައިގައި 10 އަހަރު އަދި ކަރަންޓް ދާއިރާގައި 40 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ފަރާތެކެވެ. ބާގަނޑުން އެތެރެއަށް މީހަކު ވަދެފިނަމަ، ކަރަންޓު ޖެހޭ ގޮތަށް އިތުރު އާލާތްތައް ބޭނުންކޮށްގެން ހަދާފައި އޮތް ނަރުގަނޑެއް ސިމާދު އޮތްތަނާއި 40 ފޫޓު ދުރުން ފެނުނު އިރު އެ ނަރުގަނޑުގެ ތަޙުލީލުން ފުލުހުންނަށް ވަނީ ސިމާދު ގެ ޑީއެންއޭ ވެސް ފެނިފައެވެ.

ވިލިނގިލީގައި ކަރަންޓު ދަންތުރައެއްގައި ޖެހިގެން ހުސެއިން ސިމާދު މަރުވި މިމައްސަލައިގައި ތުހުމަތު ކުރެވެނީ އެ ރަށުގައި ހުންނަ ހަރުގެ ބަލަހައްޓާ މީހާ އަށް ކަމަށާއި މީހުންނަށް ގެއްލުމެއް ދިނުމުގެ ބޭނުމުގައި ކަރަންޓު ދަންތުރަ ހެދުމަކީ ކުށެއް ކަމަށް ފުލުހުން އޭރު ވިދާޅުވިއެވެ. އެހެން ނަމަވެސް މި މަރުގެ ހާދިސާއާއި ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.

އޭގެ 6 އަހަރު ދުވަސް ފަހުން 28 ފެބްރުވަރީ 2024 ވަނަ ދުވަހުގެ ރޭ މި ހަރުގޭގައި އަލިފާން ރޯވެ ބިމާ ހަމަވެގެން ދިއުމުން ރަށުތެރޭ ޢާންމުންގެ މެދުގައި ޖަވާބު ނުލިބޭ އެތައް ސުވާލެއް އުފެދިފައިވެއެވެ. އެޙާދިސާއަށް އަހަރުތަކެއް ފާއިތުވެ ދިޔައިރުވެސް މިމައްސަލައިގެ ތަޙުގީގު ކުރިއަށް ނުދާކަން އެއީ ގިނަ ބަޔަކު ކަންބޮޑުވާ ކަމެކެވެ.

ހަރުގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ފުލުހުންނާ ސުވާލުކުރުމުން، އިންވެސްޓިގޭޝަން ކުރިއަށް ދާތީ އިތުރު މަޢުލޫމާތު އަދި ދެވެން ނެތް ކަމަށް ވަނީ ވިދާޅުވެފައެވެ. އުއްމީދަކީ ގޮތްނޭނގޭ މިފަދަ ޙާދިސާތަކާއި އަދި މަރުތަކަށް އިންސާފުވެރި ޝަރީޢަތެއް ހިންގައި ކުށްވެރިންނަށް ޙައްގު އަދަބު ލިބޭނެ ދުވަހެއް މި ދިވެހި މުޖުތަމަޢުން ފެނިގެންދިއުމެވެ.