ބިންހެލުންތައް ކުރިއާލައި އެނގޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދާތީ، އެފަދަ ދޮގު މައުލޫމާތުތަކަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސްކޮށްފިއެވެ. މެޓް އޮފީހުން މިކަމަށް އިލްތިމާސްކުރީ، ރާއްޖެއާ ކައިރީގައިވާ އިންޑިއާ ކަނޑުގެ ސަރަހައްދެއް ކަމަށްވާ ކާލްސްބާގު ރިޖަށް ކުރިއަށް އޮތް ތަނުގައި 5.2 މެގްނިޓިއުޓްގެ ބާރުމިނުގައި ބިންހެލުމެއް އައުން އެކަށީގެންވާ ކަމަށާއި، އޭގެ ސަބަބުން ރާއްޖެއަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ލިޔުމެއް ފެތުރެމުންދާތީ އެކަމާ ގުޅިގެންނެވެ.
އެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބިންހެލުމެއް އަތުވެދާނެކަން ސައިންޓިފިކް ހޯދުންތަކުގެ އެހީގައި ކުރިއާލައި ދެނެގަނެވޭނެ އެއްވެސް ވަސީލަތެއް މިހާތަނަށް ދުނިޔޭގައި ވެސް އުފެދިފައެއް ނުވެއެވެ. އަދި ބިންހެލުމެއް ލައިގަންނާނެ ސީދާ ގަޑިއާއި، ތާރީހު ނުވަތަ އެކަން ހިނގާނެ ސީދާ ތަން ދެނެގަނެވޭނެ އެއްވެސް އިލްމީ ގޮތެއް ނެތްކަން މެޓް އޮފީހުން ވަނީ ސާފުކޮށްދީފައެވެ. އެހެންނަމަވެސް، ގިނަ ދުވަސްތަކެއްގެ ތަފާސްހިސާބުތަކަށް ބިނާކޮށް ބިންހެލުން އައުމުގެ ފުރުސަތު ބޮޑު ސަރަހައްދުތައް ސައިންސްވެރިންނަށް ފާހަގަކުރެވިދާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މޫސުމާ ބެހޭ އިދާރާއިން އިތުރަށް ބުނެފައިވަނީ، ބިންހެލުންތަކާ ގުޅޭ އެންމެހާ ކަންކަން އެ އޮފީހުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ސަރަހައްދަށް ނުރައްކާވެދާނެ ފަދަ ބިންހެލުމެއް އަތުވެއްޖެ ހާލަތެއްގައި، އެ މައުލޫމާތު އެއްވެސް ލަސްކުރުމެއް ނެތް ވަގުތުން ރައްޔިތުންނާ ހިއްސާކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ އިދާރާއިން ވަނީ ދީފައެވެ.