ގާނޫނާ ހިލާފު މުޒާހަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނަމަ ކުރީގެ ރައީސުންގެ ސެކިއުރިޓީ މެދުކަނޑާލަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ އިން ނިންމި ނިންމުމަށް އެމްއެންޑީއެފްއިން އެއްބަސްވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ސިޔާސީ އެއްވުންތަކަކީ ޓެރަރިސްޓް ހަމަލާތައް އައުމުގެ ފުރުސަތު ބޮޑު ތަންތަން ކަމަށާއި، އެފަދަ ދަނޑިވަޅުތަކުގައި ސަލާމަތީ ބާރުތަކުން ދޭ ހިމާޔަތް ކަނޑާލުމަކީ މުޅި ގައުމުގެ ސަލާމަތަށް ދެވޭ ބޮޑު އުނިކަމެއް ކަމަށެވެ.
“އެއީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން. އަޅުގަނޑަށް ފެންނަ ތަނުގައި އެއީ އެމްއެންޑީއެފް އިން އެއްބަސްވާނެ ކަމެއް ނޫން. އެ ބޭފުޅުންގެ ގާނޫނީ ވާޖިބުތައް އަދާކުރައްވާނެ ކަމަށް ގަބޫލުކުރެވޭ،” ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، ސެކިއުރިޓީ ކަނޑާލި ނަމަވެސް މުޒާހަރާތަކާއި އެއްވުންތަކަށް ވަޑައިގަތުން ހުއްޓަވައިނުލައްވާނެ ކަމަށެވެ. އަދި މިފަދަ ބިރުދެއްކުންތަކުގެ ސަބަބުން މަގުމައްޗަށް ނިކުމެވަޑައިނުގަނެ ގޭގައި ނުހުންނަވާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
241 ކޮމިޓީން ނިންމާފައިވަނީ ކުރީގެ ރައީސުން ބައިވެރިވާ އެއްވުމަކީ ގާނޫނާ ހިލާފު އެއްވުމެއް ކަމަށް ފުލުހުން ކަނޑައަޅާ ހިސާބުން، އެމްއެންޑީއެފްގެ ވީއައިޕީ ސެކިއުރިޓީ މެދުކެނޑޭ ގޮތަށް އުސޫލު އިސްލާހު ކުރުމަށެވެ. މި ބަދަލު އައިސްފައި މިވަނީ ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އިބްރާހީމް މުހައްމަދު ސޯލިހް، އަދި އަބްދުﷲ ޔާމީން ސަރުކާރާ ދެކޮޅަށް އެކުގައި މަސައްކަތް ކުރައްވަން ނިންމަވައި، މަގުމައްޗަށް ނިކުމެވަޑައިގަންނަވަން ފެއްޓެވި ފަހުންނެވެ.