ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު ގުޅިގެން އުފައްދާފައިވާ އިއްތިހާދުގެ މަސައްކަތްތައް މަޑުޖެހިފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަން ނަޝީދު ވިދާޅުވީ، ތިން ރައީސުންގެ މަންދޫބުން ހިމެނޭ ކޮމިޓީން ދެ ބައްދަލުވުމެއް ބޭއްވި ނަމަވެސް، މަސައްކަތްތައް އެދެވޭ ބާރުމިނެއްގައި ކުރިއަށް ނުދާ ކަމަށެވެ. ނަމަވެސް، އެ މަސައްކަތްތައް އެއްކޮށް ހުއްޓުނީ ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ދާދިފަހުން ކުރީގެ ރައީސް ޔާމީން، ރައީސް ނަޝީދަށް ފާޑުވިދާޅުވުމާ ގުޅިގެން ދެ ފަރާތުގެ ސަޕޯޓަރުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާތީ، އެކަމުގެ ސަބަބުން އިއްތިހާދަށް އަސަރެއް ކޮށްފާނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، ސިޔާސީ ބޭފުޅުން ސިޔާސީ ބޭނުންތަކަށް ދައްކަވާ ވާހަކަތަކުގެ ސަބަބުން މި މަސައްކަތަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށެވެ.
“އެއް ރައީސަކު އަނެއް ރައީސަކާ ގުޅޭގޮތުން ފާޅުކުރާ ހިޔާލެއްގެ ސަބަބުން އަޅުގަނޑުމެންގެ ބައްދަލުވުމަކަށް އެއްވެސް ކަހަލަ ހިޔަންޏެއް ނާންނާނެ. ހުރަހެއް ނާންނާނެ،” ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ވަކި އޮނިގަނޑެއްގެ ތެރެއިން އިއްތިހާދެއްގެ މަސައްކަތް ކުރުމަކީ އުނދަގޫ ކަމެއް ނަމަވެސް، ގައުމީ ބޮޑެތި ކަންބޮޑުވުންތަކުގައި ތިން ބޭފުޅުން އެކުގައި މަސައްކަތް ކުރެއްވުމަކީ ވިސްނިދާނެ ކަމެއް ކަމަށެވެ.
ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ ދިފާއުގައި މަސައްކަތް ކުރަން އުފެއްދި މި އިއްތިހާދަށް އެމްޑީޕީގެ އިތުރުން ޕީއެންއެފް އިން ވެސް ރަސްމީކޮށް ތާއީދުކޮށްފައިވާއިރު، ތިން ރައީސުން މިހާތަނަށް ބައްދަލުކުރައްވާފައިވަނީ އެންމެ ފަހަރަކު އެވެ. މި މަސައްކަތްތައް ރޭވުމަށްޓަކައި ކޮންމެ ރައީސެއްގެ ފަރާތްޕުޅުން ވެސް ވަނީ ދެ މަންދޫބުން ކަނޑައަޅުއްވައި ކޮމިޓީއެއް އެކުލަވާލާފަ އެވެ.