އައްޑޫ ސިޓީ ހިތަދޫ ސަހަރާ މިސްކިތް ކުރިމަތީގައި ހުންނަ ފަޅުގޯއްޗެއްގައި ހުރި ކޮންޓެއިނަރެއްގައި ރޭ ދަންވަރު ރޯވި އަލިފާންގަނޑު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ފަޔަ ފައިޓަރުން ކުރި މަސައްކަތުން ފަތިހު ނިއްވާލައިފިއެވެ. މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ ދަންވަރު 2:50 އެހާކަންހާއިރުއެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، ސަދަން އޭރިއާ ކޮމާންޑް ފަޔަ ސްޓޭޝަނުގެ ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. އަދި ސިފައިން ކުރި ބުރަ މަސައްކަތުން ކޮންޓެއިނަރުގައި ރޯވެފައި ހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ފަތިހު 4:21 އެހާކަންހާއިރުއެވެ.
މި އަލިފާނުގެ ހާދިސާގައި ކޮންޓެއިނަރަށް އެކިވަރުގެ ގެއްލުންތައް ވެފައިވީ ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.