އައްޑޫ މީދޫގައި ތަފާތު ގިނަ ހަރަކާތްތަކާއެކު “މިނިވަން އުފާ 2026” ގެ ނަމުގައި މިއަހަރުގެ މިިނިވަން ދުވަސް ފާހަގަކުރުމަުގެ ތައްޔާަރީތައް ފަށައިފިއެވެ.
އައްޑޫ މީދޫ ކައުންސިލުން މީދޫގެ ޖަމްއިއްޔާ ޖަމާޢަތްތަކާއި، މުއައްސަސާތަކާ ގުޅިގެން ކުރިޔަށް ގެންދާ މިޙަރަކާތަކީ ދިވެހިރާއްޖޭގެ އެކާހަށްޓި ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގައި ބައިވެރިވެ ގައުމީ އުފާ ފާޅުކުރުމުގެ ގޮތުން ރާވައި ހިންގާ ހަރަކާތެއް ކަމަށް އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން މައުލޫމާތު ދެއްވިއެވެ.
އިޖުތިމާއީ ރޮނގުން ހަރަކާތްތެރިވުމުގައި ފާހަގަކޮށްލެވޭ މިރަށުގައި މިއަހަރުގެ އަޟްހާ އީދުގެ ހަރަކާތް ވެސް ވަނީ ވަރަށް ކުލަގަދަކޮށް ރާވައި ހިންގާފައެވެ.
މީދޫ މިނިވަން އުފާ 2026 ގެ ޙަރަކާތް މިމަހު 4 ވަނަ ދުވަހުގެ ރޭ، އެކަމަށް ބޭއްވި ޚާއްސަ ހަފްލާއެއްގައި ވަނީ ލޯންޗުކޮށްފައެވެ. އެއާއެކު ޕްރޮގުރާމުގެ ތާވަލު ވެސް ވަނީ އައްޑޫ މީދޫ މިނިވަން އުފާ 2026 ގެ ނަމުގައިވާ ފޭސްބުކު ޕޭޖުގައި ހިއްސާކޮށްފައެވެ. އެތާވަލުގައި ވާގޮތުން މީދުވަންގެ ނަމުގައި ބާއްވާ ވަރަށް ހާއްސަ ދުވުމުގެ ޙަރަކާތަކާއި، ފެތުމުގެ މުބާރާތަކާއި، މިނިވަން ބާޒާރެއްގެ އިތުރުން ބަށި، ވޮލީ، ހޭންޑު ބޯލްގެ އަދި ފުޓްސަލް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މިފަދަ ހަރަކާތްތަކުގެ އެންމެ މުހިންމު އެއް މަގުސަދު ކަމަށްވާ އެއްބައިވަންތަ ބަދަހި މުޖުތަމައެއް ގާއިމުކުރުމަށް ރޭވިފައިވާ އާއިލީ ހަވީރެއް ވެސް އޮންނާނެއެވެ.
މިނިވަން ދުވަހުގެ ހަރަކާތްތައް މީދޫގައި ރޭވުމަށް އިސްކޮށް ހަރަކާަތްތެރިވާ ކޮމިޓީއިން މައުލޫމާތު ދެއްވާ ގޮތުގައި މިނިވަން އުފާ ޕްރޮގުރާމު ތާވަލުކުރެވިފައި ވަނީ ޖުލައި 24 އިން 27 އަށެވެ. އަދި ޙަރަކާތުގެ ހުރިހާ އިންތިޒާމެއްގައި ވެސް ކައުންސިލުނާއި ޖަމްޢިއްޔާ ޖަމާޢަތްތަކާއި މުއައްސަސާތަކުގެ އިތުރުން ރައްޔިތުންގެ ފަރާތުން ދަނީ ވަރަށް ފުރިހަމައަށް އެއްބާރުލުން ލިބެމުންނެވެ.
މިޙަރަކާތުގައި އިސްވެ ހަރަކާތްތެރިވާ ކައުންސިލަރ ރަޝީދާ އިބްރާހީމް ވިދާޅުވީ އަޟްޙާ ޢީދުގެ ޙަރަކާތްތައް ފަދައިން މިޙަރަކާތް ވެސް ކާމިޔާބު ޙަރަކާތަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އައްޑޫ މީދޫ ކައުންސިލުން ރައްޔިތުންނާަ ޖަމްޢިއްޔާ ޖަމަަޢައްތަކާ މުއައްސަސާތަކާއި ގުޅިގެން ކުރާ މަސައްކަތުގައި ލިބެމުންދާ ފުރިހަމަ އެއްބާރުލުން ފާހަގަކޮށް ކައުންސިލުގެ ރައީސް އަޙުމަދު ޝާތިރާއި ކައުންސިލުގެ ޓީމުން ހުރިހާަ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާ ކަމަށް ރައީސް އަޙުމަދު ޝާތިރު ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތްތާނގައި ވެސް މިފަދަ ގިނަ ހަރަކާތްތަކެއް ރާއްވައު ހިންގަވާނެ ކަމަށް ޝާތިރު ވިދާޅުވިއެވެ.
މިވަގުތު އައްޑޫ މީދޫއިން ދައްކައި މިދޭ ނަމޫނާއަކީ އައްޑޫގެ އެހެން ރަށްތަކުން ވެސް އަޅުގަނޑުމެން ދެކެން ބޭނުންވާަ ފަދަ ނަމޫނާއެއްކަން ފާހަގަކުރަމެވެ.