English Edition
Dhivehi Edition
ތައިލެންޑުގެ ބެންކޮކްގައި ބޭއްވުނު އދ. ގެ ތިމާވެއްޓާއި ތަރައްގީއާ ބެހޭ ކޮމިޓީގެ 9 ވަނަ ބައްދަލުވުމުގެ ތެރެއިން

ތައިލެންޑުގެ ބެންކޮކްގައި ބޭއްވުނު އދ. ގެ ތިމާވެއްޓާއި ތަރައްގީއާ ބެހޭ ކޮމިޓީގެ 9 ވަނަ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި “ބްލޫ ކާބަން ފައިނޭންސް” ހަރަކާތުގެ ޕެނަލް މަޝްވަރާގައި ދިވެހިރާއްޖޭގެ ބްލޫ ކާބަންގެ ހާލަތު ދުނިޔެއަށް ހާމަކޮށްދީފިއެވެ. މި ޕެނަލް މަޝްވަރާގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެންވަޔަރަމެންޓް މިނިސްޓްރީގެ ޑިރެކްޓަރު އަހްމަދު ވަހީދެވެ.

މި މަޝްވަރާގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން ވަނީ ބްލޫ ކާބަންއާ ގުޅޭގޮތުން ރާއްޖޭގައި ކުރިއަށްގެންދާ މަސައްކަތްތަކާއި ކުރިއަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން، ރާއްޖޭގެ ބްލޫ ކާބަންގެ މިހާރުގެ ހާލަތާއި މި ދާއިރާއިން ރާއްޖޭގައި ކުރިން ކުރެވިފައިވާ މުހިންމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.

ތިމާވެށި ހިމާޔަތްކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ރާއްޖޭގައި މިހާރު ކުރިއަށްދާ މުހިންމު ހަރަކާތްތަކާ ގުޅޭގޮތުން ވަރަށް ތަފްސީލީ ޕްރެޒެންޓޭޝަނެއްވެސް އަހްމަދު ވަހީދު ވަނީ ހުށަހަޅުއްވާފައެވެ. މި ޕްރެޒެންޓޭޝަނުގައި، ރާއްޖޭގެ ކަނޑުފަޅުތަކާއި ފަރުތަކަކީ ބްލޫ ކާބަން ރައްކާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ތަންތަންކަން ފާހަގކުރައްވައި، މިފަދަ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ މާލީ އެހީތެރިކަމާއި ފަންނީ ގާބިލްކަން އާލާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

މި ސެޝަނަކީ ދުނިޔޭގެ ތިމާވެށީގެ ދާއިރާގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ގައުމުތަކުގެ މެދުގައި ތަޖުރިބާ ހިއްސާކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ. ރާއްޖޭގެ ފަރާތުން މިފަދަ އިންޓަނޭޝަނަލް ޕްލެޓްފޯމެއްގައި ބައިވެރިވުމަކީ، މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ދުނިޔެއަށް ހާމަކޮށްދިނުމަށް ލިބުނު މުހިންމު ފުރުސަތެކެވެ.