English Edition
Dhivehi Edition

އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ ޖަނާޒާގެ ކަންތައްތައް އިއްޔެ އިރާނުގައި ފަށައިފިއެވެ.

ހަފްތާއަކަށް ދެމިގެންދާ މި ޖަނާޒާގެ ރަސްމިއްޔާތުތައް އިއްޔެ ފެށިފައިވާއިރު ތެހެރާންގައި ބޭއްވުނު ޖަނާޒާގެ ރަސްމިއްޔާތުން އެންމެ ފާހަގަކޮށްލެވުނު އެއް މަންޒަރަކީ، ހާމަނާއީގެ ސަންދޯތް ކައިރީގައި އޭނާގެ 14 މަހުގެ ކާފަދަރިފުޅު (ޒަހްރާ މުޙައްމަދީ ގުލްޕަޔެގާނީ) ގެ ކުޑަކުޑަ ސަންދޯއް ބެހެއްޓިފައި ހުރުމެވެ.

އީރާނުގެ ދިދަ ބޭނުންކޮށްގެން ނިވާކުރެވިފައިވާ ހާމަނާއީގެ ސަންދޯއް މިހާރު ބަހައްޓާފައިވަނީ ތެހެރާނުގެ ގްރޭންޑް މުސައްލާގައެވެ. އެމަނިކުފާނުގެ ސަންދޯކުގެ އަރިހުގައި، މިދިޔަ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު އިޒްރޭލުން ދިން ވައިގެ ހަމަލާގައި އަވަހާރަވި އެމަނިކުފާނުގެ އާއިލާގެ މެންބަރުންގެ ސަންދޯއްތައްވެސް ވަނީ ބަހައްޓާފައެވެ.

އޭގެ ތެރޭގައި އެމަނިކުފާނުގެ ދޮށީ ދަރިކަނބަލުންނާއި، ދަނބިދަރިކަލުންނާއި، 14 މަހުގެ ކާފަ ދަރިކަނބަލެއްގެ އިތުރުން އީރާނުގެ އާ ސުޕްރީމް ލީޑަރު އާޔަތުﷲ މުޖްތަބާ ހާމަނާއީގެ އަނބިކަނބަލުން ހިމެނެއެވެ. މި ރަސްމިއްޔާތުގައި އިރާނުގެ އިސްވެރިންނާއި، ދީނީ އިލްމުވެރިން އަދި ބޭރުގެ ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޖަނާޒާގެ ރަސްމިއްޔާތުތައް ކުރިއަށް އޮތް ދުވަސްތަކުގައި އިރާނުގެ އެކި ސިޓީތަކާއި އިރާގުގައި ވެސް ކުރިއަށްދާނެއެވެ. އިރާނުގެ އާ ސްޕްރީމް ލީޑަރު މުޖްތަބާ ހާމަނާއީ، ސަލާމަތީ ސަބަބުތަކަށްޓަކައި މި ޖަނާޒާގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ބެލެވެއެވެ.