English Edition
Dhivehi Edition
- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ދިވެހި ރުފިޔާ ކާޑުތަކުން އީ-ކޮމާސް ނުވަތަ އޮންލައިން މަންސަތަކުގައި ވިޔަފާރިކޮށް މުއާމަލާތްކުރުމަށް ކޮންމެ ދުވަހަކު ބޭންކުން ކަނޑައަޅާ ބޭރުފައިސާގެ އަދަދު (ޑޮލަރު ލިމިޓު) އިތުރުކޮށްފިއެވެ.

ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑިންގ އެންޑް މާކެޓިންގ ސްޓްރެޓެޖީ މުހައްމަދު ސައީދު މައުލޫމާތުދެއްވަމުން ވިދާޅުވީ، ފާއިތުވި އަންގާރަ ދުވަހު ބޭންކުން ޑޮލަރުން އިންވެސްޓުކުރަން ހުޅުވައިލި އައު ފުރުސަތާއެކު، ދިވެހި ރުފިޔާ ކާޑުތަކުން އޮންލައިންކޮށް ވިޔަފާރިކުރުމަށް ކޮންމެ ދުވަހަކު ކަނޑައަޅާ ލިމިޓު މަތިކުރަން ނިންމާފައިވާ ކަމަށެވެ. ބޭންކަށް ޑޮލަރު ލިބޭ މިންވަރަށްވުރެ އިތުރަށް ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް ޑޮލަރު ދޫކުރަންޖެހުމާ ގުޅިގެން، ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ކުރެވޭނީ 30 މުއާމަލާތް ކަމަށް ބޭންކުން ކުރިން ވަނީ ހަމަޖައްސާފައެވެ. ނަމަވެސް، އައު އިންވެސްޓްމަންޓް ފުރުސަތާއެކު މިކަމަށް މިހާރު ވަނީ ބޮޑު ލުޔެއް ލިބިފައެވެ.

ބޭންކުން އަލަށް ހުޅުވައިލި ފުރުސަތުގައި އިންޓަނެޓު ބޭންކިންއާއި މޯބައިލް އެޕު ބޭނުންކޮށްގެން ޑޮލަރު އިންވެސްޓުކުރެވޭއިރު، އިންވެސްޓުކުރާ ފަރާތްތަކަށް ޕޫލުގެ ފައިދާގެ ގޮތުގައި 25 އިންސައްތައާ ހަމައަށް ފައިދާ ލިބޭނެ ކަމަށް ބޭންކުން ބުނެއެވެ. ސައީދު ވިދާޅުވި ގޮތުގައި މި ފުރުސަތު ހުޅުވައިލި ފުރަތަމަ 24 ގަޑިއިރު ތެރޭގައި އޮންލައިން ވެބްސައިޓުތަކުން މުއާމަލާތްކުރެވޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

“މިއަދު އަޅުގަނޑުމެނަށްވެސް އަދި ސޯޝަލް މީޑިއާގައިވެސް ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވޭ، އެންމެ ގިނަ ފަރާތްތަކުން ބޭނުންކުރާ ޓީމޫ، ޝެއިން، އަލީ އެކްސްޕްރެސްގެ ޕޭމަންޓްސްތައް ތްރޫވި. އެހެން ނޫންނަމަ އެއީ ކޮންމެ ދުވަހަކު ވަރަށް އަވަހަށް ހުސްވާ ލިމިޓުތަކެއް،” ސައީދު ވިދާޅުވިއެވެ.

ބީއެމްއެލްގެ ދިވެހި ރުފިޔާ ކާޑުތަކަށް ޖުލައި މަހުގެ ތެރޭގައި ލުއިތަކެއް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ކުރިން ވިދާޅުވެފައެވެ. ބޭންކުން ބުނެފައިވަނީ ކުރިއަށް އޮތް ތަނުގައިވެސް ޑޮލަރު ލިބޭ މިންވަރު އިތުރުވާ ނިސްބަތުން ހިދުމަތްތައް އިތުރަށް ފުޅާކުރަމުންދާނެ ކަމަށެވެ.