English Edition
Dhivehi Edition
ރައީސް މުއިއްޒު ސްކައުޓު ހަރަކާތެއްގެ ތެރޭގައި: ފޮޓޯ ރައީސް އޮފީސް

މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކުރުމަށްޓަކައި، ކުށްވެރިންނަށް އަދަބު ދިނުމުގެ ބަދަލުގައި އެކަމަށް ބޭނުންވާ ފަރުވާއާއި ރިހެބިލިޓޭޝަނަށް އިސްކަންދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ނެރޭ “ދަ ޕަލްސް” ޕޮޑްކާސްޓްގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތަކާ ދެކޮޅަށް ސަރުކާރުން ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށެވެ. ނަމަވެސް، މި ވަބާގައި ޖެހިފައިވާ ފަރާތްތަކަކީ އެހީތެރިކަމާއި ފަރުވާ ބޭނުންވާ ބައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މަސްތުވާތަކެތީގެ މައްސަލައަކީ މަތިއޮމާންކޮށްލައިގެން ހައްލުކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާލުވީ ޒުވާނުން މިކަމުގެ ތެރެއަށް ވަންނަން ދިމާވާ އަސްލު ސަބަބުތައް ދެނެގަންނަންޖެހޭ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ފަރުވާ ދިނުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ރާއްޖޭގެ ތިން ރަށެއްގައި ރިހެބިލިޓޭޝަން ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ކުރެވެމުން ދާ ކަމަށެވެ. އަދި ފަރުވާގެ ނިޒާމު ކާމިޔާބުކުރެވޭނީ ހަމައެކަނި މަރުކަޒުތަކުން ނޫން ކަމަށާއި، އާއިލާތަކާއި މުޖުތަމައުގެ އެހީތެރިކަންވެސް ބޭނުންވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

މަސްތުވާތަކެތީގެ ވިޔަފާރިން ނަފާ ހޯދާ މީހުންނަށް ގާނޫނީ އެންމެ ހަރުކަށި އަދަބު ދޭންޖެހޭނެއެވެ. ނަމަވެސް، އެ ވަބާގައި ޖެހިފައިވާ މީހުންނަށް އަލުން އަނބުރާ މުޖުތަމައަށް އައުމަށްޓަކައި އިހުލާސްތެރި މަގުތަކެއް ތަނަވަސްކޮށްދޭންޖެހޭ.” – ރައީސް ޑރ. މުހައްމަދު މުއިއްޒު

މީގެ އިތުރުން، ވޭތުވެދިޔަ ދުވަސްތަކުގައި ފުލުހުންގެ ހިދުމަތް ކުރިއެރުވުމަށް ގިނަ އިންވެސްޓްމަންޓްތަކެއް ކުރެވިފައިވާ ކަމަށާއި، އޭގެ ސަބަބުން ގޭންގު ކުށްތަކާއި ނުރައްކާތެރި ބޮޑެތި ކުށްތައް ވަރަށް ބޮޑަށް މަދުކުރެވިފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ނިންމަވާލައްވަމުން ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމައަކީ މުޅި ގައުމު ގުޅިގެން ކުރަންޖެހޭ ބޮޑު ގައުމީ މަސައްކަތެއް ކަމަށެވެ.