މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި 1,568 ޓްރެފިކް އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %2 އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު ރިޕޯޓްކޮށްފައިވަނީ 1,531 އެކްސިޑެންޓެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އެކި މައްސަލަތަކުގައި ޖުމްލަ 6,198 މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. މިއީ މިދިޔަ އަހަރުގެ 5,757 މައްސަލައާ އަޅާބަލާއިރު %7 އިތުރު އަދަދެކެވެ. ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނައީ އެކްސިޑެންޓުގެ މައްސަލަތަކެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި ކުށް މަދުކުރުމަށް ފުލުހުންނާއި ގުޅުންހުރި މުއައްސަސާތައް ގުޅިގެން “ރައްކާ” ކެމްޕެއިން ދަނީ ސިލްސިލާކޮށް ހިންގަމުންނެވެ. މި ކެމްޕެއިންގެ ދަށުން މާލެއާއި އަތޮޅުތެރޭގައި ހޭލުންތެރިކުރުމުގެ ވީޑިއޯތަކާއި، އެކްސިޑެންޓް ރޯލްޕްލޭ އަދި ބިލްބޯޑުތައް ބޭނުންކޮށްގެން މެސެޖުތައް ފޯރުކޮށްދިނުން ކުރިއަށްދެއެވެ.