English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ހުޅުއްވައިދެއްވުން

ރާއްޖޭގެ މާލީ އިދާރާތަކުން ދޭ ހިދުމަތްތަކާ ގުޅޭގޮތުން އާންމުންނަށް މައުލޫމާތު ދިނުމަށް ބާއްވާ ބޮޑު މާލީ މައުރަޒު، “މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026” މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ފަށައިފިއެވެ. މި އެކްސްޕޯ ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުއެވެ. މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެއްނެވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރެވެ.

މިއީ ރާއްޖޭގެ މާލީ ދާއިރާގައި މަސައްކަތްކުރާ މުހިންމު ހުރިހާ މުއައްސަސާތަކެއް އެއްތަނަކުން ބައްދަލުވެ، ނުވަ އަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާ ވަރަށް ހާއްސަ ހަރަކާތެކެވެ. މިއަދުން ފެށިގެން މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އެކްސްޕޯ ބާއްވަނީ “އެމްޕަވަރިންގ ސަސްޓެއިނަބަލް ފިއުޗަރސް: އިންކްލޫޝަން, އިނޮވޭޝަން އެންޑް އިންޓެލިޖެންސް” މި ޝިއާރުގެ ދަށުންނެވެ. އެކްސްޕޯ ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެކްސްޕޯގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، މާލީ އިދާރާތަކުން ބައިވެރިކޮށްފައިވާ ހަރަކާތްތައް ބައްލަވާލައްވާފައެވެ.

މި އެކްސްޕޯގެ ސަބަބުން އާންމުންނަށް ރާއްޖޭގެ ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، ފައިނޭންސް ހިދުމަތްދޭ އެކި ފަރާތްތަކުގެ އިތުރުން މާލީ ނިޒާމު ބަލަހައްޓާ ގާނޫނީ އިދާރާތަކާ ސީދާ ގުޅި، މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، މާލީ ދާއިރާގެ އެންމެ ފަހުގެ ހިދުމަތްތަކާއި ޓެކްނޮލޮޖީތަކަށް އާންމުން ހޭލުންތެރިކުރުވުމަކީވެސް އެމްއެމްއޭއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި އެކްސްޕޯގެ ބޮޑު މަގުސަދެކެވެ.