English Edition
Dhivehi Edition

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 32 ޓީމު ވާދަކުރާ ބުރުގެ އެންމެ ފޯރިގަދަ އެއް މެޗު ގައި މިރޭ ބްރެޒިލާއި ޖަޕާން ބައްދަލުކުރާނެއެވެ.

ޖަޕާނާއި ބްރެޒިލް ވޯލްޑް ކަޕްގައި ބައްދަލުކުރާ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ވިހި އަހަރު ކުރިން، ޖަރުމަނުވިލާތުގައި ބޭއްވި ވޯލްޑް ކަޕްގައި މި ދެ ގައުމު ވަނީ ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތުގައި ފުރަތަމަ ފަހަރަށް ބައްދަލުކޮށްފައެވެ. ނަމަވެސް، އޭރުގެ ހާލަތާއި މިހާރުގެ ހާލަތާ އޮތީ އުޑާއި ބިމާހާ ތަފާތުކޮށެވެ.

އޭރު ޖަޕާނުން ވޯލްޑް ކަޕްގައި ވާދަކުރަމުން ދިޔައީ އެންމެ ތިންވަނަ ފަހަރަށެވެ. އެ ގައުމުން ވޯލްޑް ކަޕަށް އަލަށް ކޮލިފައިވީ 1998 ގައެވެ. އަދި އޭގެ ހަތަރު އަހަރު ފަހުން 2002 ވަނަ އަހަރު އަމިއްލަ ގައުމުގައި މުބާރާތް ބޭއްވިއެވެ. އަނެއްކޮޅުން ބްރެޒިލަކީ އޭރު 2002 ވަނަ އަހަރުގެ ތަށި ކާމިޔާބުކޮށް، ފަސް ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ޓީމެކެވެ. އެދުވަހު ބްރެޒިލުން 4-1 އިން މޮޅުވީ ފަސޭހަކަމާއެކުގައެވެ.

އެ މެޗުގައި ބްރެޒިލްގެ ފުރަތަމަ އެގާރައިގައި ރޮނާލްޑޯ، ރޮނާލްޑީނިއޯ އަދި ކަކާ ފަދަ ލެޖެންޑުން ކުޅުނެވެ. ޖަޕާން ޓީމުގައިވެސް ހިދެތޯޝީ ނަކާޓާ، ޖުނީޗީ އިނަމޯޓޯ އަދި ޝުންސުކޭ ނަކަމޫރާ ފަދަ މަޝްހޫރު ކުޅުންތެރިން ތިބި ނަމަވެސް، ބްރެޒިލްގެ ތަރިންނާ އެއްވަރުގެ ނަންތަކެއް އެ ޓީމަކު ނެތެވެ. “ސަމުރާއީ ބްލޫ” ގެ އޭރުގެ ޖީލަށް އިހުތިރާމް ކުރާ ހާލު ދަންނަވާނަމަ، އާންމު ފުޓްބޯޅަ ސަޕޯޓަރަކަށް އޭގެ ތެރެއިން ގިނަ ކުޅުންތެރިން ވަކިކުރަންވެސް ދަތިވާނެއެވެ.

އޭރު ބްރެޒިލް ޓީމުގައި ރެއާލް މެޑްރިޑަށް ކުޅޭ ހަތަރު ކުޅުންތެރިންނާއި، އޭސީ މިލާނަށް ކުޅޭ ތިން ކުޅުންތެރިންގެ އިތުރުން ބާސެލޯނާ، ބަޔާން މިއުނިކް، ޔުވެންޓަސް، އިންޓަ މިލާން އަދި އާސެނަލް ފަދަ ޔޫރަޕްގެ ބޮޑެތި ކްލަބްތަކަށް ކުޅޭ ތަރިން ތިއްބެވެ. އެކަމަކު ޖަޕާން ޓީމުން ޔޫރަޕްގައި ކުޅެމުންދިޔައީ އެންމެ ހަ ކުޅުންތެރިންނެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރު ނަކާޓާވެސް އޭރު ކުޅެމުންދިޔައީ އިޓަލީގެ ގަދަ ބާރެއް ނޫން ކަމަށްވާ ފިއޮޮރެންޓީނާއަށެވެ. ބާކީ ތިބި 17 ކުޅުންތެރިން ކުޅެމުންދިޔައީ އެ ގައުމުގެ ޖޭ-ލީގުގައެވެ.

ވިހި އަހަރު ފަސްވެގެންދިޔައިރު، ބްރެޒިލަކީ އަދިވެސް ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ގައުމެވެ. ނަމަވެސް ހަވަނަ ތަށި ހޯދުމަށް އެ ގައުމުން ކުރަމުންދާ އިންތިޒާރަށް ނިމުމެއް ނާދެއެވެ. ފާހަގަކޮށްލެވޭ ކަމަކީ، 2006 ވަނަ އަހަރުގެ މުބާރާތަށް ދިޔައިރު ޖަޕާން ދުނިޔޭގެ ރޭންކިންގެ 18 ވަނައިގައި އޮތް ފަދައިން، މި މުބާރާތަށް އައިއިރުވެސް އެ ގައުމު އޮތީ ހަމަ އެ މަގާމުގައެވެ. އެހެންނަމަވެސް، ޓީމުގެ ފެންވަރަށް ބަލާއިރު މިއީ މުޅިން ތަފާތު ޖަޕާނެކެވެ.

މިއަދު ޖަޕާން ޓީމުގައި ހިމެނެނީ ޔޫރަޕްގެ އެންމެ ވަރުގަދަ ލީގުތަކުގައި ފާހަގަކޮށްލެވޭ ކުޅުމެއް ދައްކަމުންދާ ކުޅުންތެރިންނެވެ. މިހާރުގެ ސްކޮޑުން ޖަޕާނުގެ ލީގަށް ކުޅެނީ އެންމެ ތިން ކުޅުންތެރިންނެވެ. އެއީ 39 އަހަރުގެ ތަޖުރިބާކާރު ޔޫޓޯ ނަގަޓޯމޯ އާއި ބަދަލު ދެ ގޯލްކީޕަރުން ކަމަށްވާ ކެއިސޫކޭ އޮސާކޯ އަދި ޓޮމޯކީ ހަޔަކާވާއެވެ.

އަނިޔާގެ ސަބަބުން ކައޯރޫ މިޓޯމާ، ވަޓާރޫ އެންޑޯ އަދި ތަކުމީ މިނަމީނޯ ނެތް ކަމުގައިވިޔަސް، ޕްރެމިއާ ލީގު، ލަލީގާ، ސެރީ އޭ، ބުންޑެސްލީގާ އަދި ލީގު 1 ގައި ކުޅޭ ކުޅުންތެރިން ޖަޕާން ޓީމުގައި އެބަތިއްބެވެ. މީގެ އިތުރުން ނެދަލޭންޑްސްގެ އީރެޑިވިޒީ ފަދަ ލީގުތަކުގައިވެސް ޖަޕާނުގެ ކުޅުންތެރިން ދަނީ ވިދަމުންނެވެ. އެގޮތުން ފެޔަނޫޑަށް މިދިޔަ ސީޒަނުގައި 25 ގޯލު ޖަހައިދީ، ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދި އަޔާސޭ އުއޭޑާ ފާހަގަކޮށްލެވެއެވެ.

އަނެއްކޮޅުން ބްރެޒިލަކީ އަދިވެސް ވަރުގަދަ ޓީމެކެވެ. އުމުރުން 34 އަހަރުގައިވެސް ނޭމާ ޓީމުގައި ހުރިއިރު، ވިނީޝިއަސް ޖޫނިއަރަކީ މިހާރު ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާއެވެ. ދުނިޔޭގެ އެންމެ މޮޅު ސެންޓަ ބެކުންގެ ތެރޭގައި ގޭބްރިއަލް މަގަޅައެސް ހިމެނޭއިރު، ރަފީނިއާ ވަނީ ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ނަމަވެސް، ބްރެޒިލާ ދެކޮޅަށް ކުޅެން ތައްޔާރަށް ތިބި ކަމަށް ޖަޕާނުން ބުނާ ބުނުމަކީ ހަމައެކަނި ދެއްކުންތެރި ވާހަކައެއް ނޫނެވެ. ޖަޕާން ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ސުނެޔާސޫ މިޔަމޯޓޯ އީ.އެސް.ޕީ.އެން އަށް ވިދާޅުވީ، ބްރެޒިލާ ދެކޮޅަށް ކުޅޭއިރުވެސް ކުޅުންތެރިންނާއި މުޅި ޓީމުގެ އިތުބާރު ބޮޑު ކަމަށެވެ.

ނޮކްއައުޓް ބުރުގެ ފުރަތަމަ މެޗުގައި ބްރެޒިލާ ބައްދަލުކުރަން ޖެހުމަކީ ޖަޕާނަށް މާ ބޮޑު މައްސަލައެއް ނޫން ކަމަށް ފެނެއެވެ.

ގްރޫޕް އެފްގެ އެއްވަނަ ހޯދައިގެން މޮރޮކޯއާ ދެކޮޅަށް ކުޅެން ޖެހުނު ނަމަވެސް އެއީ ފަސޭހަ މެޗަކަށް ނުވީހެވެ. ސަބަބަކީ މޮރޮކޯއިން ގްރޫޕް ސްޓޭޖުގައި ބްރެޒިލް 1-1 އިން އެއްވަރުކޮށްފައިވުމެވެ. އަދި ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ އަމާޒެއް ކަމަށް ތަކުރާރުކޮށް ބުނަމުންދާ ޓީމަކަށް، ބްރެޒިލް ފަދަ ޓީމެއް ކޮންމެވެސް ހިސާބަކުން ބަލިކުރަން ޖެހޭނެކަން އެ ޓީމަށް ގަބޫލުކުރެވެއެވެ.

ޖަޕާނަށް އޮތް އެންމެ ބޮޑު ހިތްވަރަކީ މިދިޔަ އޮކްޓޫބަރު މަހު ބްރެޒިލް އަތުން ފުރަތަމަ ފަހަރަށް ހޯދި މޮޅެވެ. އެއީ އެކުވެރިކަމުގެ މެޗެއް ނަމަވެސް، ބްރެޒިލުން ނުކުތީ ވަރުގަދަ ސްކޮޑަކާއެކުގައެވެ. އެ ދުވަހު ފުރަތަމަ ހާފުގައި ދެ ގޯލުން ފަހަތުގައި އޮވެފައި، ޖަޕާނުން ވަނީ ފަހަތުން އަރައި 3-2 އިން މެޗު ކާމިޔާބުކޮށްފައެވެ.

ޖޫން 22، 2006 ގައި ޑޯޓްމަންޑްގައި ޖަޕާނާއި ބްރެޒިލް އެންމެ ފަހުން ވޯލްޑް ކަޕްގައި ބައްދަލުކުރި ފަހުން މިހާތަނަށް ގިނަ ކަންތައްތަކެއް ވަނީ ބަދަލުވެފައެވެ. ވިހި އަހަރާއި ހަތް ދުވަސް ފަހުން، ހިއުސްޓަންގައި ޖަޕާނަށް ދައްކައިދެވޭނީ އެ ގައުމުގެ ފުޓްބޯޅަ ކުރިއަރާފައިވާ މިންވަރެވެ.