English Edition
Dhivehi Edition
މޫސުް ގޯސް ދުވަހެއް

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭވެހޭ މިންވަރާއި މޫސުމަށް ބަދަލުތައް އަންނަނީ ހަމައެކަނި އެލްނީނޯގެ ސަބަބުން އެކަނި ނޫން ކަމަށާއި، މޫސުމީ އެހެން ބޮޑެތި ކަންތައްތަކެއްވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.

މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ޕެސިފިކް ކަނޑުގެ ސަރަހައްދުގައި އެލްނީނޯ އުފެދިފައިވުމާއެކު ރާއްޖޭގެ މޫސުމަށް ކުރަމުންދާ އަސަރުތައް މިހާރު ވަރަށް ކައިރިން ބަލަމުންދާ ކަމަށެވެ.

އެލްނީނޯގެ ސަބަބުން ބައެއް މަސްމަހު އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ ގިނައިން ވާރޭވެހި، އަނެއްބައި މަސްމަހު ވާރޭވެހޭ މިންވަރު މަދުވި ނަމަވެސް، ރާއްޖޭގެ މޫސުމަށް ނުފޫޒު ފޯރުވާ އެހެން ނިޒާމުތައްވެސް ހުރެއެވެ. އެގޮތުން އިންޑިއަން އޯޝަން ޑައިޕޯލް އަދި މެޑަން ޖޫލިއަން އޮސިލޭޝަން ފަދަ މޫސުމީ ކަންތައްތަކުންވެސް ރާއްޖެއަށް ވާރޭވެހޭ މިންވަރަށް ބޮޑެތި އަސަރުތަކެއް ކުރާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

އެލްނީނޯއަކީ ކަނޑުގެ ސަތަހައިގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވުމުގެ ސަބަބުން ކުރިމަތިވާ ގުދުރަތީ މޫސުމީ ހާލަތެކެވެ. މީގެ ސަބަބުން ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ ސަރަހައްދުތަކުގެ ލޮނުގަނޑުގެ ހޫނުމިން އާންމު މިންގަނޑަށްވުރެ މަތިވެ، ދުނިޔޭގެ ވައިގެ ދައުރުވުމާއި ޕްރެޝަރަށް ބަދަލުތައް އާދެއެވެ.

ކޮންމެ އެލްނީނޯ އަހަރެއްގައިވެސް މޫސުމަށް ކުރާ އަސަރުތައް އެއްގޮތް ނުވެދާނެކަން ފާހަގަކުރަމުން މެޓް އޮފީހުން ބުނީ، އެލްނީނޯގެ ބާރުމިނާއި އެކަން ދިމާވާ ދަނޑިވަޅުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭވެހޭ މިންވަރަށް ކުރާ އަސަރު ތަފާތުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން މޫސުމަށް އަންނަ ބަދަލުތައް އެ އިދާރާއިން އަބަދުވެސް މޮނިޓަރު ކުރަމުންދާނެއެވެ.

ޓެގު