English Edition
Dhivehi Edition

ޒައިނަބަށް މީހަކާ އިނދެވުނީ އުމުރުން ސައުވީސް އަހަރުގައެވެ. އޭނާގެ މައިންބަފައިން އޭނާގެ އުމުރުން ސަތާރަ އަހަރުވީއްސުރެން އެކަށީގެންވާ މީހަކާ އޭނާ ދެވަން އުޅުނެވެ. އެހެންނަމަވެސް އެމީހުން ދައްކާ އެއްވެސް މީހަކު އޭނާއަކަށް ކަމަކު ނުދެއެވެ. ނޫނީ ކޮންމެވެސް އެހެން ކަމަކާހެދި އެކަމެއް ވާގޮތެއް ނުވެއެވެ. އޭނާ އުމުރުން މާދޮށިވާން ފެށުމުން އެމީހުން ގަދައަޅައިގެން އެންމެ ފަހުން މާލޭގެ ވިޔަފާރިވެރިއެއްކަމަށްވާ ސޯބިރާ ކާވެނި ކުރުވައިފިއެވެ. ސޯބިރަކީ އުމުރުން ފަންސާސް އަހަރަށް ވުރެން މަތިވެފައިވާ މީހެއް ނަމަވެސް އޭނާއަކީ މުދާވެރިއެކެވެ. އޭނާގެ ފިހާރަ ހުންނަނީ ޗާނދަނީ މަގުގައެވެ. އަމިއްލަ ގެދޮރު ހުރެއެވެ. ވިޔަސް އޭނާއަކީ އެކަނިވެރި ދިރިއުޅުމެއް އުޅެމުންދާ މީހެކެވެ. ޒައިނަބު އޭނާއާ އިންނަން އެއްބަސްވުމުން އޭނާ ޒައިނަބާ ކާވެނިކުރީ އުފަލާއެކުއެވެ. އެއީ ނުހަނު ރީތި ކުއްޖެކެވެ. އޭނާއަށް އަލުން އާ ދިރިހުރުމެއް ލިބުނު ފަދައެވެ. ސޯބިރު އައްޑުއަށް ވިޔަފާރިއާ ގުޅޭކަމެއްގައި އައީ މިފަދަ ކަމެއް ހިތުއަޅައިގެންނެއްވެސް ނޫނެވެ. އެކަމަކު މިއީ އޭނާއަށް މިދަތުރުގައި ލިބުނު އެންމެ ފައިދާ ބޮޑު ވިޔަފާރި ކަމުގައި ވިއެވެ.

ސޯބިރުއާއި ޒައިނަބު ކާވެނި ކޮށްގެން މާލެ ހިނގައްޖެއެވެ. ޒައިނަބުގެ މައިންބަފައިން އެކަމާ އުފާވީ ވަރަށް އޭނާ ދިއުމުން ދެރަވެސްވި މެއެވެ. އެހެންނަމަވެސް އަންހެން ދަރީން ދާން ޖެހޭނީ އެހެން މީހުންގެ ގެއަށްކަން އެމީހުން އަބަދުވެސް ދަނެއެވެއެވެ.

ސޯބިރުއަކީ ނުހަނު ހެޔޮލަފާ އަޅުވެރި ސާލިހު މީހެކެވެ. އޭނާ ވިޔަފާރި ނިންމާލާފައި ގެޔަށް އައިސް މިސްކިތަށް ނޫންތަނަކަށް ނުދެއެވެ. އަބަދު ޒައިނަބުގެ ގާތުގައި ވަގުތު ހޭދަކުރެއެވެ. ޒައިނަބުވެސް ނުހަނު އުފާވެއެވެ. އެއީ އޭނާ ބޭނުންހާ އެއްޗެއް ބޭނުން އިރަކު ލިބޭތީވެސް މެއެވެ. ގޭގައި ގެންގުޅޭ މީހަކު ހުންނާތީއާއެކު ކުރާކަށް މާބޮޑު މަސައްކަތެއްވެސް ނޯވެއެވެ. ކައިގެން ޓީވީ ބަލާފައި ނިދުން ނޫން ކަމެއް ނެތެވެ. މިހާރު ޒައިނަބުވެސް ކުރިއާ ތަފާތުކޮށް ސިއްހަތު ރަނގަޅުވެ ރޫފަ ޖެހެމުން ދޭވެސް މެއެވެ.

އޭނާ ދޭތެރެއަކުން ސޯބިރުއާއެކު ނޫނީ ވަކީން ނަމަވެސް ހަފްތާ ބަންދަށް އައްޑުއަށް ދަތުރުކޮށް ހަދައެވެ. އެއީ މައިންބަފައިންގެ ހާލު ބެލުމަށެވެ.

ޒައިނަބުގެ ބައްޕަ އަލިފުތު އަކީ މިހާރު އުމުރުން ހަތްދިހައިގެ މަތީ އަހަރުތައް ގުނަމުންދާ މީހަކަށްވަތީ އެކިކަހަލަ ސިއްހީ މައްސަލަތައް ވެސް ކުރިމަތި ވެއެވެ. އެހެންނަމަވެސް އޭނާ އެއްގޮތަކަށްވެސް ބޭހަށް ބޭރަށް ދާކަށް އެއްބަހެއް ނުވިއެވެ. އަދި އަމުދުން ރަށްދޫކޮށް ދަތުރުވަރިއެއްގައި މާލެ ދާކަށް ވެސް ގަބޫލެއް ނުވެއެވެ. އެހެންކަމުން އެމީހުން ޒައިނަބުއާ އެކު މާލެ ގެންދެވޭނެ ގޮތްވަނީ ނުވެފައެވެ.

އެއްދުވަހކު އަލިފުތު ހާލު ދެރަވެގެން ހޮސްޕިޓަލަސް ގެންދިޔަ ޚަބަރު ލިބުނެވެ. އަދި އެއާއެކު ލިބުނީ އަލިފުތު ނިޔާވި ޚަބަރެވެ.

ޒައިނަބު ހަމަ އެދުވަހު ރަށަށް އައެވެ. ބައްޕަގެ ވަޅުލުމުގެ ކަންތައް ނިމުމުން އޭނާ ބޭނުންވީ މަންމަ ގޮވައިގެން ދިއުމަށެވެ. އެހެންނަމަވެސް މަންމަ ދާ ޚިޔާލެއް ނުކުރިއެވެ. ޒައިނަބަކަށް އޭނާގެ މަންމަ އެ އެކަނިވެރި ހާލަށް ދޫކޮށްލާފައި ދާކަށް ނުކެރުނެވެ. އެހެންވެ އޭނާ ދުވަސްކޮޅަކަށް މަންމަގެ ގާތު މަޑުކޮށްލައިފިއެވެ.

ޒައިނަބު ނެތި އުޅެން ޖެހުމުން ސޯބިރަށް ނުހަނު ހިތްދަތިކަން ލިބުނު މެއެވެ. އެހެންނަމަވެސް ޒައިނަބު ދުވަސްކޮޅަކު ރަށުގައި އޭނާގެ މަންމަގެ ގާތުު ބަހަށްޓާލަން އޭނާ ދެކޮޅެއް ނުހެދިއެވެ. އެއީވެސް ޒައިނަބު އެދޭ ކޮންމެ ކަމެއް އޭނާ ކޮށްދޭން ބޭނުންވާތީއެވެ.

ޒައިނަބުގެ މަންމަ އާމިނައިދީ އަތުގައި ކޮންމެވެސް ވަރަކަށް އޭނާގެ މަރުހޫމުގެ ފިރިމީހާގެ މުދަލާއި ގަހަނާ ހުއްޓެވެ. އޭނާ ބޭނުންވީ މިތަކެތި ޒައިނަބުގެ ދަރިއަކަށް ދިނުމަށެވެ. އެކަމަކު ޒައިނަބުގެ ދަރިއެއް ނެތެވެ. އެކަން އޭނާއަށް މިހާބޮޑަށް ފާހަގަ ކުރެވުނީ މިހާރުއެވެ.

ޒައިނަބަކަށް މީގެ ކުރީގައި ދަރިއެއް ނެތްކަމުގެ އިހުސާސެއް ނުކުރެވެއެވެ. މިހާރު އަބަދު މަންމަ އެވާހަކަ ދައްކާތީ އޭނާގެ ހިތަށް އުނދަގޫތަކެއްވެއެވެ. އަދި ނުކުޅެދޭ ކަމުގެ އިހުސާސްތަކެއް ވެސް ވާން ފަށައިފިއެވެ. އެހެންކަމުން މަންމަގެ އެދުމާ އެއްގޮތަށް ދަރިޔަކު ހޯދަން އޭނާވެސް މިހާރު ބޭނުން ވެއްޖެއެވެ.

ޒައިނަބު މިފަހަރު މާލެ ދިޔައީ މަންމަވެސް ގޮވައިގެންނެވެ. އެއީ ދަރިޔަކު ލިބޭނީވެސް ފިރިމީހާއާ އެކީ އުޅެގެންކަން މަންމަވެސް ގަބޫލު ކުރާތީއެވެ. އެހެންވެ ތިމާގެ މީހަކާ ގެ ހަވާލު ކުރުމަށްފަހު އާމިނައިދީވެސް ޒައިނަބާއެކު މާލެ ހިނގައްޖެއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އަނެއް ދިހަމަސްވެސް ނިމިދިޔައީއެވެ. އެހެންނަމަވެސް ޒައިނަބަށް ދަރިއެއް ލިބެން އުޅޭކަމުގެ ކުޑަވެސް ނިޝާނެއް ނުފެނެއެވެ. މިކަމާ ސޯބިރުވެސް ކަންބޮޑުވާން ޖެހިއްޖެއެވެ. އެއީ އަބަދުހެން ޒައިނަބު ދަރިއެއް ބޭނުން ވެގެން އުޅޭތީ އެވާހަކަ ދައްކާވަރުންވެސް މެއެވެ. ޚުދު އޭނާވެސް ދަރިއެއް ލިބުމަށް ބޭނުން ވޭމެއެވެ. އެއީ އޭނާގެ ވިޔަފާރި ބަލަދުގާރެއް ނުވަތަ އޭނާގެ މުދާތައް މިލްކުވާނެ ވާރިސަކު ހުންނަން އޭނާވެސް އެދޭތީމެއެވެ.

އާމިނައިދި ހުއްޓާނުލާ މިކަމަށް ބާރު އަޅަމުންދާތީ އެންމެފަހުން އިންޑިއާއަށް ވެސް އެމީހުން ދަތުރެއް ކޮށްފިއެވެ. ޓްރިވެންޑްރަމްގެ މަޝްހޫރު ކްރެޑެންޝަލް ހޮސްޕިޓަލުން އެމީހުން ހުރިހާ ބާވަތެއްގެ ޓެސްޓެއް ހެދިއެވެ. އަދި އެންމެ ފަހުން ބުނީ އެ ޓެސްޓުތަކަކުން ދަރިން ނުލިބޭން ޖެހޭ އެއްވެސް ސަބަބެއް އެމީހުންނަށް ހޯދިފައި ނުވާ ކަމަށެވެ.

ޒައިނަބަށް ވުރެން ޒައިނަބުގެ މަންމަ މިކަމާ މާ ކަންބޮޑުވެއެވެ. ހީކުރެވެނީ ޚުދު އާމިނައިދީއަށް ދަރިއެއް ނުލިބިގެން އުޅޭހެންނެވެ. އޭނާ އެކަންތަކާ އެކިމީހުންގެ ގާތަށް ގޮސް އެކިކަހަލަ ބޭސް ފަރުވާ އާއި ލަފާ ހޯދަމުން ގެންދިޔައެވެ. އަދި އެންމެ ފަހުން އެއީ ސިހުރެއްކަމަށް ނިންމައި ސިހުރު ހާހޫރައަށް މޮޅުކަށް ބުނާ ބާއަތޮޅަށް މަޝްހޫރު ސުއްބެ ގާތަށް ވެސް ހިނގައްޖެއެވެ.

ޒައިނަބަށް މިހާރު ކުޑަކުދީން ރޯއަޑު އިވޭހެންވެސް ހީވެއެވެ. ބުއްފައިބާހެން ހީވެގެން ހެދުންވެސް ދޮވެ ހަދައެވެ. ދުރުން ކުއްޖަކު ހޭނއަޑު އިވުނަސް އަދި ރޯ އަޑު އިވުނަސް ޒައިނަބު ރުޅިގަދަވެއެވެ. މިކަމާވެސް އާމިނައިދީ ފަންޑިތވެރިޔާ ލައްވާ ތަވީދެއް ލިއުއްވައި އުނަގަނޑުގައި އަޅުވައިފިއެވެ. އަދި ފަންޑިތަ ވެރިޔާ ބޭނުންވާ ފަދައިން ޒައިނަބުގެ ގައިގައި ލިޔަން އެކަހެރިތަނަކަށްދާން ވެސް މިހާރު ޒައިނަބު ތައްޔާރުވެއްޖެއެވެ.

ޒައިނަބު އެންމެ ފަހުން ބަލިވެ އިނދެއްޖެކަމަށް ގޭތެރޭގައި ވާހަކަ ދެކެވެން ފަށައިފިއެވެ.. އޭނާއަށް މީރުވަނީ ހިއްކި ބަނބުކޭލެވެ. މީރުވަސް ދުވަނީ ސާފުތެލުންނެވެ.

ޒައިނަބު ބަލިވެ އިންކަން ޔަގީން ކުރަން އާމިނައިދީ ފޫޅުމަޔަކު ގާތަށް ހިނގައްޖެއެވެ. ހޮސްޕިޓަލަށް ދާކަށް އޭނާ ބޭނުމެއް ނުވިއެވެ. އޭނާއަކީވެސް ދަރީންތަކެއް ވިހާފައި ހުރި މީހެއް ވީމައެވެ. އޭނާ ބޭނުންވީ ޒައިނަބު ވިއްސަން ރަށަށް ގެންދިއުމަށެވެ. ހޮސްޕިޓަލަށް ވިއްސަން ގެންގޮއްސިއްޔާ ބަނޑުފަޅާލާނެތީއެވެ. އެކަމަކު ބަނޑަށް ތިންމަސްވީ އިރަކުވެސް ޒައިނަބުގެ ބަނޑަކުން އެނގުމެއް ނުވިއެވެ. ސްކޭން ކުރަން ގެންދާ ވާހަކަ ދެއްކުމުން ފޫޅުމައި ހައްވަދައިތަ ބުނީ އެއީ ކުއްޖާއަށް ކެންސަރު ޖެހޭ ކަމެއް ކަމަށެވެ. އެހެންވެ ސޯބިރުގެ މަޝްވަރާއަކާ ނުލާ ޒައިނަބު ގޮވައިގެން އާމިނައިދީ ރަށަށް މަރަދުއަށް ހިނގައްޖެއެވެ.

ޒައިނަބު އޭނާގެ ބަނޑުން ތޮޅޭވާހަކައާއި ދަރިފުޅު ހަރަކާތް ކުރާ ވާހަކަ ދައްކައެވެ. އާމިނައިދީ އެމީހުންގެ ގެޔަކަށް ހައްވަ ދައިތަ ނޫން އެކަކުވެސް ނުވައްދައެވެ.

މިހެން ގޮސް ނުވަމަސް ފުރުނުތަނާ ޒައިނަބު ދަރިއެއް ވިހޭ ވާހަކަ ސޯބިރަށް އަންގައިފިއެވެ. އެހެންވެ ސޯބިރު އެރަށަށް އަތުވެއްޖެއެވެ. އައީ ދަރިފުޅު ލައްވާނެ އެކިވަރުގެ ހެދުމާއި ކުޅޭ އެއްޗެހިވެސް ހިފައިގެންނެވެ. އެހެންނަމަވެސް އެދަރިފުޅަކު ސޯބިރަކަށް ނުފެނެއެވެ. ރޯއަޑެއް ނީވެއެވެ. އެމީހުން އެދަރިފުޅު ގެންގުޅެނީ ގޭގެ އެތެރެގޭގައި ހުންނަ އަނދިރި ކޮޓަރިއެއްގައެވެ. ފަންޑިތަވެރިޔާ ބުނެފައި އޮތީ މަހެއް ނުވަނީސް އެކަކަށްވެސް ނުދެއްކުމަށް ކަމަށް ސޯބިރުގާތު އެމީހުންބުންޏެވެ. ވިހެއީ އަންހެން ކުއްޖެކޯލައެވެ. އެހެންވީމަ ބައްޕައަށްވެސް ދެއްކުން ރަނގަޅުނޫން ކަމަށް އެމީހާ ބުނިކަމަށް އާމިނައިދ ބުންޏެވެ.

ޒައިނަބު އެދަރި ބުއްނުބޮއިގެން އުޅޭ ވާހަކައާއި ނުނިދާވާހަކައާއި ރޯވާހަކަ ސޯބިރުގެ ގާތުގައި ބުނެއެވެ.

ސޯބިރުވެސް މަހެއް ކޮށްފައި ދަރިފުޅުގޮވައިގެން އަންނާށޭ ޒައިނަބުގެ ގާތު ބުނެފައި އެނބުރި މާލެ ހިނގައްޖެއެވެ.

މަސްހަމަވެގެންވެސް މި ދަރިފުޅަކު ގޮވައިގެން ޒައިނަބު އަންނަ ތަނެއް ނުފެނުނެވެ. ކޮންމެވެސް ބަހަނާއެއް ދައްކަމުން ދިޔައެވެ.

މިހެން އެތައް ދުވަހެއް ވޭތިވީފަހުން އެ ދަރިފުޅު ގޮވައިގެން ޒައިނަބު މާލެ އަތުވެއްޖެއެވެ. ތެދެކެވެ. އެއީ ނުހަނު ލޯބި އަންހެން ކުއްޖެކެވެ. މިކުއްޖާ ގޮވައިގެން މި ދެމަފިރީން ނުހަނު ލޯބިން އުޅެމުންދާތާ މާގިނަ ދުވަހެއް ނުވެ ފުލުން އައިސް އެދަރިފުޅާ ބެހޭ ސުވާލުތަކެއް ކުރަން ފަށައިފިއެވެ.

ތަހުގީގު ފުރިހަމަވީ އިރު އެނުގީ މިދަރިފުޅަކީ ހައްވަ ދައިތަ ވިއްސި ކޮންމެވެސް އެހެން މީހެއްގެ ކުއްޖެއް ކަމެވެ. އެކުއްޖާގެ މަންމަ އެކަން ސިއްރުކުރަން ހައްވަ ދައިތައާ މަޖްބޫރުކުރީއެވެ. އެމީހުން ހައްވަ ދައިތަ ގާތު ބުނިކަމަށްވަނީ ކުއްޖާ މަރާލުމަށެވެ. އެހެންނޫނީ ހައްވަ ދައިތަ މަރާލާނެ ކަމަށެވެ. އޭރު ހައްވަ ދައިތަވެސް ވަނީ ޒައިނަބަށް ދޭނެ ކުއްޖަކު ބޭނުން ވެފައެވެ. އެހެންވެ ހައްވަ ދައިތަ ރޮއި އާދޭސްކޮށްގެން އެކުއްޖާ ހައްވަ ދައިތައަށް ދިނީއެވެ. އެކަން ސިއްރުކުރުމަށް ޝަރުތުކޮށްފައެވެ.

މައްސަލަ ބަލާނިމުމާއެކު ކުއްޖާ އެފަދަ ކުދީން ބަލާތަނަކަށް ގެންގޮއްސިއެވެ.

ޒައިނަބުއާއި އޭނާގެ މަންމަ މިކަމުގައި ބައިވެރިވި މިންވަރަށް ބަލާފައި ޒައިނަބުގެ ސިކުނޑި ހަމަ ނުޖެހޭކަން އެނގި އޭނާއަކަށް މާބޮޑު އަދަބެއް ނައެވެ. އެކަމަކު ހައްވަ ދައިތައާއި އާމިނާދީއަށް އެކަމުގެ އަދަބު ކަނޑައެޅުނެވެ.

ޒައިނަބު ނަފްސާނީ ޑޮކްޓަރަކަށް ދެއްކުމަށް ސޯބިރަށް ލަފާ ދެވުނު ކަމުގައިވިޔަސް އޭނާއަށް އެކަމެއް ކުރާނެ ހިތްވަރެއް ނުލިބުނެވެ. އެހެންވެ އޭނާ ފިހާރަ ބަޔަކާ ހަވާލު ކުރުމަށްފަހު ޒައިނަބު ބެލެހެއްޓުމަށް ގޭގައި އުޅެން ފަށައިފިެވެ.

ޒައިނަބު ސޯބިރު ކުރެން ސުވާލު ކުރިއެވެ. “އަބަދު ގޭގައި ހުރީމަ ފިހާރަ ބަލަހަށްޓަނީ ކާކު؟”

“މުޚްތާރު އެހެރީނު. “

“އޭނާ މަކަރު ހަދައިފިއްޔާޔޯ؟”

“އެކަމާ ޒައިނަބު ނުވިސްނާ. އެއީ ފަސްނަމާދު ކުރާ ރަނގަޅު މީހެއް. “ ސޯބިރު އޭނާއަށް ވިސްނާ ދޭން އުޅުނެވެ. “އަހަރެން ޒައިނަބުގެ ގާތު ހުންނަން ބޭނުންވާތީ އައިސް ހުންނަނީ. ޒައިނަބު ކަންބޮޑު ނުވޭ.”

“އަހަރެން ކަންބޮޑުވާނެއެއްނު. “ ޒައިނަބު ނުހަނު ކަންބޮޑުވެފައި ހުރެގެން ބުންޏެވެ. “އޭނާ ހުރިހާ މުދާކޮޅު ހުސްކޮށްލައިފިއްޔާ މިއޮތްހާ ދަރީންނަށް ޚަރަދު ކުރާނީ ކިހިނެއް؟”

އަދި ބުންޏެވެ. “އަހަރެން އަނެއްކާވެސް މީނީ ބަލިވެ.”

ސޯބިރަށް މިއަކީ އާވާހަކަތަކެއް ނޫނެވެ. އެހެންނަމަވެސް އޭނާގެ ރައްޓެހި ޑޮކްޓަރަކާ ވާހަކަ ދައްކައިގެން އެކަން ޒައިނަބަށް އެންގުމަކާ ނުލާ ބަލައިފިއެވެ. އޭނާ އައިސް ބެލިއިރަކު ޒައިނަބު ބަލިވެ އިންކަމުގެ ނިޝާނެއް ނުފެނުއެވެ. އެހެންވެ ޒައިނަބު ނަފްސާނީ ޑޮކްޓަރަކަށް ދެއްކުމަށް އެޑޮކްޓަރުވެސް ލަފާ ދީފިއެވެ.

ހުރިހާ އެންމެން ޒައިނަބު ނަފްސާނީ ޑޮކްޓަރަކަށް ގެންދަން ލަފާދޭ އިރުވެސް ސޯބިރު އަކަށް ޒައިނަބުވގޮވައިގެން އެބުނާ ކަހަލަ ޑޮކްޓަރެއްގެ ގާތަކަށް ދާކަށް ނުކެރުނެވެ. އެއީ މީހުން އެވާހަކަ ދައްކައި ޒައިނަބު މޮޔައެއްގެ ގޮތުގައި ރަށުތެރެއަށް ބޭޒާރު ވެދާނެތީވެސް މެއެވެ.

ޒައިނަބު އޭނާގެ ދަރި ވިހޭ ވާހަކައާއި އެދަރިއަށް ދޭނެ ބުއްފުޅިއާއި ހެދުންތަކާ ފައިވާނާ ގެނައުމަށް ސޯބިރުގެ ގާތު އެދިއްޖެއެވެ. ސޯބިރު ހިތާ ދެކޮޅަށް ނަމަވެސް ޒައިނަބު ބުނާހާ އެއްޗެއް ގެނެސްދެއެވެ. ޒައިނަބުގެ މިކަންތައް ދިޔައީ އެއްދުވަހުން އަނެއް ދުވަހަށް ބޮޑުވަމުންނެވެ. މިހިނދު އޭނާގެ ދަރީންތައް އިންތިހާއަށް ގިނަވެއްޖެއެވެ. އެހުރިހާ ދަރީންނަށްވެސް ހެދުމާއި ތަކެތި ގެނެސްދޭން ސޯބިރުއަށް ޖެހިއްޖެއެވެ.

އެއްދުވަހު ހެނދުނު ޒައިނަބު ރޯއަޑު އިވިގެން ސޯބިރު ވަން އިރު ޒަިއނަބު އޮތީ ލެއިން ތައްތެޅިފައެވެ. އޭނާގެ މޭމައްޗާއި އެތަންމިތަނުގައި ޒަޚަމްތައް ހުއްޓެވެ. އެނދުގައި އޭނާ ގެންްގުޅުނު ވަޅި އޮތެވެ. “އަހަރެންނަކަށް އެކުޑަ ދަރިއަކަށް ބުކެއް ނުދެވުނު. ކިރެއް ނައި . އެހެންވެ… “ އޭނާ ތަދާ ވޭނާއެކު ކުކުރަމުން ދިޔައެެވެ. އަދި އޭނާގެ ލެއިން ތަތްތެޅިފައިވާ މޭގައި ކުއްޖަކު ލައްގައިގެން ބުއްދޭން އުޅޭ ކަހަލަ ގޮތަކަށް ހަރަކާތް ކުރަމުން ދިޔައެވެ.

ސޯބިރު އަވަހަށް އެމްބިއުލެންސަށާއި ޕޮލިސްއަށް ގުޅައިފިއެވެ.

އޭގެ އަނެއް ދުވަހު ހޮސްޕިޓަލުން ސޯބިރާ ހަވާލުކުރީ ޒައިނަބުގެ ފުރާނަ ނެތް މަސްގަނޑެވެ. އޭނާއަށް އޭނާގެ އަންހެނުން ނަފްސާނީ ޑޮކްޓަރަކަށް ދައްކައިގެން ފަރުވާހޯދޭނެ ފުރުސަތު ލިބުނުކަން އޭނާއަށް ފިކުރުވީ ދެނެވެ.

ހަށިގަނޑުގެ ސިއްހަތާ އެއްވަރަކަށް ނަފްސާނީ ސިއްހަތަކީވެސް ފަރުވާ ދޭން ޖެހޭނެ އެއްޗެއްކަން އޭނާއަށް ގަބޫލު ކުރެވުނީ މާބޮޑަށް ވަގުތު ފާއިތުވީފަހުންނެވެ.

ސޯބިރުގެ އަތުން އޭނާގެ ލޯބިވާ އަނބިމީހާ ބީވެގެން އެދިޔައީ އޭނާގެ އިހުމާލުންކަމަށް ގަބޫލުކުރެވުނެވެ. އޭނާ އެހިތާމައާއި ވޭނުގައި އެކަނިމާއެކަނި ދަރިއެއް ނެތް ހަޔާތެއް ވޭތި ކުރަން ފަށައިފިއެވެ.

މިހާރު އޭނާގެ ކަންފަތަށް ވެސް ޒައިނަބުގެ ދަރިފުޅުގެ ރުއިމުގެ އަޑު ގަދަޔަށް އިވެމުން ދާން ފަށައިފިއެވެ.