ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުންދާތީ، ރާއްޖޭގައި ސަބްސިޑީ ދެމުންދާ އުސޫލު މުރާޖައާކޮށް އެހީތެރިކަން އެންމެ ބޭނުންވާ ފަރާތްތަކަށް އެހީ ހާއްސަކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ލަފާދީފިއެވެ. އައިއެމްއެފްގެ ވަފުދުން ރާއްޖެއަށް ކުރި އިގްތިސާދީ ދިރާސާ ދަތުރަށްފަހު މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި ހަރަދުތައް ކޮންޓްރޯލްކޮށް، ސަބްސިޑީގެ ނިޒާމަށް ބަދަލުތަކެއް ގެނައުން މުހިންމު ކަމަށެވެ.
އައިއެމްއެފްއިން ބުނި ގޮތުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ހުރެ ތެލުގެ އަގު އުފުލުމަކީ ރާއްޖޭގެ އިގްތިސާދަށް އޮތް ބޮޑު ގޮންޖެހުމެކެވެ. މީގެ ސަބަބުން މިއަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 1 ޕަސަންޓަށް ދަށްވާނެ ކަމަށް ލަފާކުރެވޭއިރު، މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އިތުރު ފިޔަވަޅުތައް އަޅަން ޖެހެއެވެ. މި މަހުގެ ކުރީކޮޅު ރާއްޖެއަށް ޒިޔާރަތްކުރި އައިއެމްއެފްގެ ވަފުދުން ވަނީ ފައިނޭންސް މިނިސްޓަރު ހަސަން ޒަރީރު އާއި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާ ބައްދަލުކޮށް މިކަންކަމާ މަޝްވަރާކޮށްފައެވެ.
ސަބްސިޑީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުތައް ކޮންޓްރޯލްކޮށް ބެލެހެއްޓުން ހަރުދަނާކުރުމަށްވެސް އައިއެމްއެފްގެ ބަޔާނުގައި ލަފާދީފައިވެއެވެ. އަދި ފައިސާގެ ބާޒާރު ހަމައަކަށް އެޅުވުމަށް މަރުކަޒީ ބޭންކުން އަޅަމުންދާ ފިޔަވަޅުތައް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ. ގޮންޖެހުންތައް ހުރި ނަމަވެސް، ރާއްޖެއިން ދަނީ ދައްކަންޖެހޭ ސުކޫކާއި އެހެނިހެން ދަރަނިތައް ގަވާއިދުން ދައްކަމުން ކަމަށާއި، މީގެ ސަބަބުން ކައިރި މުސްތަގުބަލެއްގައި ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު ކުޑަވެފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.