އިންސާނުންގެ ގުނަވަންތައް ޓްރާންސްޕްލާންޓް ކުރުމުގެ ބިލު ތަސްދީގުނުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާލެއްވުމުން، އެ ބިލު އަލުން ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށްޓަކައި މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އަށް ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ، ގުނަވަން ހަދިޔާކުރާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހެއްކަމުގައި ނުވުމާއި، ކުށުގެ ތުހުމަތުގައި ނުވަތަ ޝަރުއީ ހުކުމެއް ތަންފީޒުކުރަމުންދާ މީހެއް ކަމުގައި ނުވުން، އެ ދެ ޝަރުތު މަޖިލީހުން ބިލު ފާސްކުރިއިރު އުނިކޮށްފައިވާ ކަމަށެވެ.
ސަރުކާރުގެ ފަރާތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅި މި ބިލުގެ ބޭނުމަކީ، ރާއްޖޭގައި އިންސާނުންގެ ގުނަވަންތައް ޓްރާންސްޕްލާންޓް ކުރުމުގެ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ގާއިމުކުރުމެވެ. މި ބިލު މިދިޔަ މެއި މަހުގެ ތެރޭގައި މަޖިލީހުން ފާސްކުރިއިރު، ބަންދުގައި ތިބޭ މީހުންނަށް ގުނަވަން ހަދިޔާ ނުކުރެވޭ ގޮތަށް އޮތް މާއްދާ ވަނީ އުނިކޮށްފައެވެ.
ރައީސްގެ ސިޓީފުޅުގައި ވިދާޅުވީ، ބަންދެއްގައި ތިބޭ މީހުންނަކީ އެ މީހުންގެ އަމިއްލަ އިހުތިޔާރާއި މިނިވަންކަން ގައިދުވެ ހާއްސަ ހާލަތްތަކެއްގައި ތިބޭ ބައެއް ކަމަށް ވާއިރު، އެ މީހުންނަކީ އެއްވެސް މަޖުބޫރުކަމެއް ނެތި، ފުރިހަމަ ރުހުމުގައި ގުނަވަން ހަދިޔާކުރާނެ ބައެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން، އެފަދަ ޝަރުތުތަކަކީ ޑިމޮކްރަޓިކް މުޖުތަމައުތަކުގައި ވެސް އަމަލުކުރާ އުސޫލުތަކަށް ވާތީ، ގާނޫނު އެންމެ ފުޅާމިނުގައި ތަންފީޒުކުރުމަށްޓަކައި އެ ބައިތައް ބިލުގައި ހިމެނުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި މި ބިލު އަލުން ބަލައިގަނެ، ދިރާސާކުރަން ކޮމިޓީއަށް ފޮނުވުމަށް ހުށަހަޅުއްވީ ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއެވެ. މި ހުށަހެޅުމަށް ހޯރަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަލީ މޫސާ ތާއީދުކުރެއްވިއިރު، މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އިއްތިފާގުން ވަނީ މި ހުށަހެޅުން ފާސްކޮށްފައެވެ.
ބަންޑާރަނައިބުގެ އޮފީހުން އެކުލަވާލި މި ބިލުގައިވާ ގޮތުން، ހަމައެކަނި ލައިވް-ޑޯނާ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ހުއްދަ ދޭއިރު، މީހެއްގެ ރުހުމާ ނުލައި ގުނަވަން ނެގުމާއި، ގުނަވަން ވިއްކުމާއި ގަތުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި ބޮޑެތި އަދަބުތައް ވަނީ ކަނޑައަޅާފައެވެ. މި ބިލު އަލުން ކޮމިޓީއަށް ފޮނުވާލާފައިވާއިރު، ކޮމިޓީން ބިލު ދިރާސާކުރުމަށްފަހު އަލުން މަޖިލީހުގެ ތަޅުމަށް ފޮނުވާނެއެވެ.