English Edition
Dhivehi Edition

ރައީސް ނަޝީދަށް ނިސްބަތްކޮށް ބޭކާރު ވާހަކަ ދައްކައިފިނަމަ ޖޭޕީ އިން ވަކިކުރާނެކަމަށާއި ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުޅެން ބޭނުން ނަމަ ނުބެހެން ޖެހޭ ނަންތަކެއް ހުންނާނެކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު، އުމަރު ނަސީރަށް އިންޒާރު ދެއްވައިފިއެވެ.

ނިޒާރު މިގޮތަށް ވިދާޅުވެފައި ވަނީ، އުމަރު އިއްޔެ ކުރެއްވި ޓްވީޓެއްގައި، ސުޕްރީމް ކޯޓުގެ އަމުރާއި އެއްގޮތްވާ ގޮތަށް ނަޝީދު ދޫކޮށްލުމަށްފަހު އަލުން ހައްޔަރުކުރަން ޖެހޭ ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.

އުމަރުކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސްޕްރީމް ކޯޓުގެ އަމުރަށް ތަބާވެ އެންމެން ދޫކޮށްލުމަށް ގޮވާލާ ކަމަށާއި ނަމަވެސް ރައީސް ނަޝީދާއި، ވައިސް ޕްރެޒިޑެންޓް އަދީބު އަލުން ހައްޔަރުކޮށް ޝަރީއަތުގެ ކުރިމައްޗަށް ވަގުތުން ގެންނަންވާނެކަމަށެވެ. މި ދެބޭފުޅުންވަނީ ރޯމާދުވާލު ކޮރަޕްޝަން ހިންގައި ފަނޑިޔާރަކު ވަގަށްނަގައި ސްޕްރީމްކޯޓުގައި ތަޅުއަޅުވައި ގާނޫނީ ބާރުތައް ނުހަމަގޮތުގައި ބޭނުން ކުރައްވައިފައިކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.

އުމަރުގެ މިވާހަކަ ތަކަށް ރައްދުދެއްވަމުން ނިޒާރު ވިދާޅުވީ ސިޔާސީ މަސްރަހުގައި އުޅެން ބޭނުން ނަމަ، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ބެހިގެން ނުވާނެކަމަށެވެ.

އުމަރަށް ރައްދު ދެއްވައި ނިޒާރު ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވެފައި ވަނީ، ދެން އިތުރަށް ރައީސް ނަޝީދަށް ނިސްބަތްކޮށް “ބޭކާރު ވާހަކަ” ދައްކަވައިފިނަމަ، އުމަރު ނިސްބަތްވެ ވަޑައިގަންނަވާ ޖުމްހޫރީ ޕާޓީ އިންވެސް އޭނާ ވަކިކުރާނެ ކަމަށެވެ.

ނަޝީދާއި ގުޅޭގޮތުން އުމަރު ކުރެއްވި ޓްވީޓުގެ މައްސަލަ ހޫނުވެފައި ވަނިކޮށް، އުމަރު އެގޮތަށް ވިދާޅުވުމުން ހިތާމަކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ވަނީ ވިދާޅުވެފައެވެ. ގާސިމް ވިދާޅުވީ، “ކޯލިޝަން ޕާޓްނަރ، އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޖަލަށް ލާން ޖެހޭ ކަމަށް، ޖޭޕީގެ މެމްބަރު އުމަރު ނަސީރު ބުނެފައިވާތީ،” ހިތާމަކުރައްވާ ކަމަށެވެ.

އުމަރުގެ ޓްވީޓާއި ގުޅިގެން ގުޅިގައިވާ އެހެން ޕާޓީތަކުގެ އިސް ފަރާތްތަކާއި މެމްބަރުންވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ.