ބޯކޮށް ވާރޭވެހި ނ. މާފަރުގެ 10 ގެއަކަށް ފެން ވަން ނަމަވެސް، ފެންބޮޑުވުމުގެ ސަބަބުން އެއްވެސް ގެއަކުން މީހުން ބަދަލުކުރަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެފައި ނުވާ ކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރެޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ. އިއްޔެ މެންދުރުފަހު އެ ރަށަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އާދަޔާ ޚިލާފަށް ފެންބޮޑުވެ، ގޭގެއަށް ފެން ވަދެފައިވާތީ ރަށުގެ ހާލަތު ބެލުމަށް އެ އޮތޯރިޓީން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.
މާފަރު ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، އިއްޔެ މެންދުރު 14:15 ހާއިރު ވެހެން ފެށި ވާރޭގެ ސަބަބުން ބައެއް ގޭގޭގެ ކޮޓަރިތަކަށްވެސް ފެން ވަދެފައިވެއެވެ. މުދަލަށް ބޮޑު ގެއްލުމެއް ވިކަމުގެ ޝަކުވާއެއް އަދި ރަސްމީކޮށް ލިބިފައި ނުވި ނަމަވެސް، ގެތަކުގައި ހުރި ލަކުޑި އަލަމާރި ފަދަ ތަކެތީގައި ފެން ޖެހުމުގެ ސަބަބުން ބައެއް ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމަށް ކައުންސިލުން ލަފާކުރެއެވެ.
ރަށުގެ މަގުތަކުން ފެން ހިންދުމަށާއި ގޭގެއަށް އިތުރަށް ފެން ވަނުން ހުއްޓުވުމަށްޓަކައި އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދުމުން، ސިފައިން ވަނީ އިއްޔެ ހަވީރުން ފެށިގެން ދަންވަރާ ހަމައަށް އެ ރަށުގައި ހަރަކާތްތެރިވެފައެވެ. ސިފައިން ވަނީ ރަށުގެ އެކި ސަރަހައްދުތަކުގައި 130 އެއްހާ ވެލިބަސްތާ ޖަހައި، ރޭ ދަންވަރު 00:17 ހާއިރު މަގުތަކުގައި ބޮޑުވެފައި އޮތް ފެންގަނޑު އެއްކޮށް ހިއްކައި އާންމު ހާލަތަކަށް ގެނެސްދީފައެވެ.