ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގެ ދަށުން ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ނ. މާފަރު އެއަރޕޯޓުގެ ރަންވޭ އެކްސްޓެންޝަންގެ މަސައްކަތް އީ. ޕީ. ސީ ޓަރންކީ އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި، އެ މަސައްކަތް ކުރުމަށް ޝަރުތުހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި އެފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ޕްރީކޮލިފިކޭޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެ ބީލަމުގައި ބައިވެރިވެވޭނީ ޕްލޭނިންގ މިނިސްޓްރީގެ “ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު” ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
އެ މަސައްކަތުގެ ބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ ނުވަތަ 32 ޔޫ.އެސް ޑޮލަރު) ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށާއި، ފައިސާ ބަލައިގަންނާނީ 12 އޭޕްރީލް 2020 އިން 19 އޭޕްރީލް 2020 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:00އަށް ( ރަމަޟާން މަހު:9:30-11:30 ) އަދި ސިއްޙީ ކުއްލި ޙާލަތު އިޢުލާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަސްތަކުގައި ކޮންމެ ހޯމަ އަދި ބުދަ ދުވަހުގެ ހެނދުނު 9:30 އިން 11:30އަށް ފިނޭންސް މިނިސްޓްރީން ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
އެ މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓް އިން 12 އޭޕްރީލް 2020 ފެށިގެން ޑައުންލޯޑް ކުރެވޭނެ އެވެ.
އެ މަޝްރޫޢާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރާނީ 15 އޭޕްރިލް 2020 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުޅުވުން އޮންނާނީ 20 އޭޕްރީލް 2020 ވާ ހޯމަ ދުވަހުގެ 13:00ގައި އެ މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އެޕްލިކޭޝަން ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެ ކަމަށެވެ.
މާފަރު އެއާޕޯޓު ނިމި، ޤައުމީ އެއާލައިން ‘މޯލްޑިވިއަން’ގެ ޝެޑިއުލް ދަތުރުތައް ފަށާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ.
މާފަރު އެއާޕޯޓްގައި އަޅާފައިވަނީ 2،200 މީޓަރު ދިގު 40 މީޓަރު ފުޅާ ރަންވޭއެކެވެ. މިއީ އެއާބަސް އޭ 320 އަދި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރުގެ ރަންވޭއެކެވެ. ޓާމިނަލްގައި ވަރަށް ހިތްގައިމު ވީއައިޕީ ލައުންޖެއް ވެސް ވަނީ ހިމަނާފައެވެ.
މާފަރު އެއާޕޯޓް އަޅާފައި ވަނީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުންނެވެ.